ޚަބަރު

ތިލަމާލެ ބުރިޖުގެ ބޮޑެތި މަސައްކަތްތައް ގުޅީފަޅުގައި، ތަނބުތައް ނިމޭވަރަކުން ބްރިޖު ގުޅާލާނެ


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށްގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫގެ ދަށުން 4 ރަށެއް ގުޅުވާލާނެއެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުއްޓެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާއިރު މިވަގުތުވެސް މާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ ބްރިޖް ސައިޓްގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހަދާފައިވާ މާލޭގެ ބްރިޖް ސަރަޙައްދުގައި މިހާރު ކުރިއަށް ދަނީ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްތަކެވެ. މީގެ ތެރެއިން 3 ތަނބުގެ މަސައްކަތް ނިމިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ވިލިމާލެ ސަރަޙައްދުގައި ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ބައުންޑްވޯލްގެ މަސައްކަތްތައް ނިމި މިމަހުގެ ތެރޭގައި ބިން ހިއްކަން ފަށާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖްގެ ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ ގުޅީފަޅުގައި ހުންނަ ސައިޓްގައެވެ. މިގޮތުން އެ ސައިޓްގައި ބްރިޖަށް ބޭނުންވާ ޕްރީފެބްރިކޭޓިންގެ އެކި އެކި މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

ތިލަމާލެ ބްރިޖްއާ މެދު ގިނަ ބަޔައެއްގެ ކަންބޮޑުވުން އޮތީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދިޔައިރު ކަނޑުމަތީގައި އެ މަސައްކަތް ފެނުނު ގޮތަށް މިހާރު ބްރިޖުގެ މަސައްކަތް ނުފެންނާތީއެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދެއެވެ. ތަފާތަކީ ސިނަމާލެ ބްރިޖް ހެދިއިރު އެ މަސައްކަތް ކުރަމުންދިޔައީ ސީދާ އެ ސައިޓްގައި ކަމަށް ވުމެވެ. އަދި ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަނީ ވަކި ސައިޓްއެއްގައި ބޭނުންވާ ތަކެތި އުފެއްދުމަށްފަހު އިންސްޓޯލްކުރާ އުޞޫލުންނެވެ.

ބްރިޖްގެ ތަނބުތަކުގެ މަސައްކަތްވެސް ބާރު ދުވެލީގައި

ތިލަމާލެ ބްރިޖާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން މި މަޝްރޫޢޫއަށް ހަވާލުވެ ހުންނެވި މެނޭޖަރު މުޙައްމަދު ޖިނާން ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުގެ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. މަލޭގެ އެއްގަމުގައި 8 ތަނބު ޖަހަން ޕްލޭން ކޮށްފައިވާއިރު އެ ހުރިހާ ތަނބެއްގެވެސް ޕައިލިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އެ ޕައިލްތަކުގައި ޕައިލް ކެޕް އެޅުމުގެ މަސައްކަތްތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ވަނީ ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތްވެސް ފަށާފައެވެ. މިހާތަނަށް ހަތަރު ތަނެއްގައި ޕައިލިންގެ މަސައްކަތް އެފްކޮންސް އިން އަންނަނީ ކުރަމުންނެވެ. ތަނބުތަކުގެ މަސައްކަތް އެފްކޮންސްއިން ކުރަމުން އަންނަނީ 4 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ލޭންޑް ނުވަތަ އެއްގަމުގައި ޖަހާ ތަނބާއި ޝެލޯ ވޯޓާ އާއި މީޑިއަމް ވޯޓާ އަދި ޑީޕް ވޯޓާ ތަނބުތަކެވެ. ޝެލޯ ވޯޓާ ތަނބުތައް ޖަހާއިރު ވަގުތީ ބްރިޖުތަކެއް ބޭނުންކުރާއިރު އެހެން ސަރަހައްދުތަކުގައި ތަނބުތައް ޖަހަނީ ޕްލެޓްފޯމުތަކެއް ހަދައިގެންނެވެ.

ބްރިޖްގެ މުޙިއްމު މަސައްކަތްތައް ގުޅީފަޅުގައި

ތިލަމާލެ ބްރިޖުގެ ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ އެފްކޮންސްގެ މެއިން ސައިޓު ކަމަށްވާ ގުޅީފަޅުގައެވެ. ގުޅީފަޅުގައި ތަނބުތަކުގެ ލައިނަރސް ފެބްރިކޭޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އަދި ތަނބުތައް ގުޅުވާލާ ސެގްމަންޓުތަކާއި ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް ކުރުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

ގުޅީފަޅުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް މަސައްކަތަކީ ތަނބުތައް ގުޅާލާ ސެގްމަންޓްތައް ވަކިން ތައްޔާރު ކުރުމުގެ މަސައްކަތެވެ. އަދި އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. މި މަސައްކަތް ފެށި ސެގްމަންޓުތައް ތައްޔާރުކުރަން ފެށުމުން ތަނބުތަކުގެ މަސައްކަތް ނިމޭވަރަކުން ބްރިޖު ގުޅާލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެއެވެ.

ތިލަފުއްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާއި ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.