ދުނިޔެ

ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމުގައި އެމެރިކާ ދެމިއޮންނާނެ


އިސްރާއީލާއެކު ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއްވެސް ޤާއިމްކުރާގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި އެމެރިކާ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ދެއްވައިފިއެވެ.އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މި ޔަގީންކަން ދެއްވީ އުރުދުންގެ ވެރިރަށް އަންމާނުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. މިކަން ހާމަކުރައްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވީ އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކާމެދު ކަންބޮޑުވެވަޑައިގަންނަވާކަންވެސް މި ބައްދަލުކުރެއްވުމުގައި، ކެރީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ދެންނެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.އަދި ދެފަރާތުގެ ކުރިމަތިލުންތައް އިތުރަށް ބޮޑުވެ ފުޅާވެގެން ދިޔަ ނުދިނުމަށާއި ހަމަނުޖެހުންތައް މައިތިރި ކުރުމަށް މަސައްކަތް ކުރުމުގެ މުހިއްމު ކަމާބެހޭގޮތުން ކެރީ އާއި މަހްމޫދު އައްބާސް މަޝްވަރާ ކުރެއްވިކަމަށް ޖޯން ކާބީ ވިދާޅުވިއެވެ.