ޚަބަރު

ދަރަވަންދޫ އެއަރޕޯޓާއެކު އަންނަން ޖެހޭ ތަރައްޤީ ގެންނަނީ މިސަރުކާރުން: ކައުންސިލް


ބ.ދަރަވަންދޫގައި އެއަރޕޯޓެއް ހަދާ ޚިދުމަތް ދޭންފެށިތާ މިހާރު 12 އަހަރަށްވުރެ ގިނަ އަހަރުވަނީ ވެފައެވެ. މިއެއަރޕޯޓާއެކު ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށް އެރަށު މީހުންވެސް ދެކުނެވެ. ވަކިން ޚާއްސަކޮށް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ބަނދަރާއި ގިރާ ސަރަހައްދު ހިމާޔަތްކުރުފަދަ ކަންކަންކަމަކީ މިއެއަރޕޯޓާއެކު ރަށަށް އަންނާނެ ކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.

އާބާދީގެ ގޮތުން ނުވަސަތޭކައެއްހާ މީހުން ދިރިއުޅޭ ދަރަވަންދޫ އަކީ ބ.އަތޮޅުގެ މައި ދޮރާށްޓެވެ. 2012 ވަނަ އަހަރު ހުޅުވުނު އެއަރޕޯޓާއެކު ބ.އަތޮޅަށް އަންނަ ފަތުރުވެރިންނާ އެނޫންވެސް ގިނަމީހުން އެންމެ ފުރަތަމަ ފައިބާ އެއް ރަށަކަށް ދަރަވަންދޫ ވެގެންދިޔައެވެ. މީގެ އިތުރުން އެއަރޕޯޓާއެކު އެރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ފެށިއެވެ. އެހެން ނަމަވެސް އެވިޔަފާރިއަށާއި ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތުމުން އެތައް ގޮންޖެހުމަކާ ކުރިމަތިވިއެވެ. އަދި ބަނދަރުގެ ޖާގަ ކުޑަވުމާއި، ފަތުރުވެރިކަމަށް ދޫކޮށްފައި އޮންނަ ސަރަހައްދު ގިރުމުގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވިއެވެ.

ތަރައްޤީގެ މަސައްކަތުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރަށްތައް ތަރައްޤީ ކުރުމުގެ ހަމަ ހަމަ ސިޔާސަތެއް ގެންގުޅޭ މިސަރުކާރުން ވެރިކަމާ ހަވާލުވެ ދަރަވަންދޫގައި ޤާއިމް ނުކުރެވި ހުރި އަސާސީ ޚިދުމަތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމުގެ މަސައްކަތް ފެއްޓެވިއެވެ.

އެގޮތުން ރައްކާތެރި ފެނުގެ ނިޒާމް ދަރަވަންދޫގައި ޤާއިމްކޮށް ނިންމާ މިހާރުވަނީ އެޚިދުމަތް ދޭންފަށާފައެެވެ. އަދި ރަށުގެ ފެންފަށަލަ ހަލާކުވާން ދިމާވި، އެންމެ ބޮޑު ސަބަބު ކަމަށްވާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެންދަނީ ކުރަމުންނެވެ.

ދަރަވަންދޫގައި ސަރުކާރުން ކުރިއަށްގެންދާ ތަަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އެރަށު ކައުންސިލްގެ ރައީސް އަލީ ސަމީޙު ވިދާޅުވީ ފެނާއި ނަރުދަމާގެ މިދެ ޚިދުމަތް ރަށުގައި ޤާއިމްވެފައި ނެތުމަކީ، މާލީގޮތުން އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ފެނުގެ ޚިދުމަތް ނެތްއިރު ބާޒާރުގައި ވިއްކަން ހުންނަ ފެންގަތުމަށާ، ނަރުދަމާ ވަޅުގަނޑުތައް ފުރިއްޖެނަމަ އެއުކާލުމަށް އެތައް ހޭދައެއް ރައްޔިތުން އައީ ކުރަމުން. ދަރަވަންދޫގައި މިދެ ޚިދުމަތް ނެތުމަކީ ކުރީގެ ސަރުކާރުތަކުން ވެފައި އޮތް އިހުމާލެއް. މިއީ އަސްލު މާކުރިން އޮންނަން ޖެހޭނެ ދެ ޚިދުމަތް، މިހާރު ނަރުދަމާ ނިޒާމްގެ މަސައްކަތް އެދަނީ ނިމެމުން އެޚިދުމަތް ލިބެން ފެށުމުން ރައްޔިތުންނަށް މާލީގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ، " އަލީ ސަމީޙު ވިދާޅުވިއެވެ.

ދަރަވަންދޫގައި ސަރުކާރުން ކުރިއަށްގެންގޮސް ނިންމާފައިވާ އަނެއް މަޝްރޫއަކީ އެރަށު ފަތުރުވެރި ކަމަށް ދޫކޮށްފައި އޮންނަ ސަރަހައްދުގެ ގިރަމުން ދިޔަ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތެވެ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިދިޔައަހަރުގެ މޭމަހު ފަށާ މިއަހަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ވަނީ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއާ ގުޅިފައި އޮންނަ ހިތްގައިމު ގޮނޑުދޮށް ހިމާޔަތް ކުރުމަކީ އެވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ކައުންސިލުން ބުނެއެވެ.

މި މަސައްކަތުގެ އިތުރުން ދަރަވަންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. އެއަރޕޯޓާއެކު ބާރު ބޮޑުވެ އެތައް އުޅަނދެއް ވަދެ ނުކުމެހަދާ އެރަށު ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކޮށްފައި އޮތް ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީޙް ވިދާޅުވީ ތަރައްޤީގެ ރޮނގުގައި ދަރަވަންދޫ ކުރިއަށްދިއުމަށް އޮތް ހުރަސްތައް ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން ރައްޔިތުންގެ އިޙުސާސްތައް ދަންނަކަން ދައްކުވައިދޭކަމެއްކަމަށެވެ. އަދި މިމަޝްރޫތައް އެރަށުގައި ކުރިއަށްގެންދާތީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙަށް ކައުންސިލްގެ ރައިސްވަނީ ޝުކުރު އަދާކުރައްވާފައެވެ.