ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އިންފްލޭޝަން މައްޗަށް


މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އިންޑިއާގެ އިންފްލޭޝަން ޖެނުއަރީ މަހު މަތިވެއްޖެއެވެ. މިއީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް އެ ގައުމުގެ އިންފްލޭޝަން މަތިވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އިންފްލޭޝަން މަތިވެފައި ވަނީ ކާބޯތަކެތީގެ އަގު އުފުލި މިދިޔަ ހަފްތާގައި އެޤައުމުން އެކަށައަޅާފައިވާ ހަރުކަށި މާލީ އުސޫލުގެ ސަބަބުންނެވެ.

އިންޑިއާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެޤައުމުގެ އަހަރީ ރީޓެއިލް އިންފްލޭޝަން ރޭޓް ޖެނުއަރީ މަހު ވަނީ %6.52 އަށް މަތިވެފައެވެ. މި އަދަދު މިދިޔަ ޑިސެމްބަރު މަހު ހުރީ %5.72 ގައެވެ.

ޖެނުއަރީ މަހުގެ އިންފްލޭޝަން ވަނީ ރިޒާރވް ބޭންކް އޮފް އިންޑިއާ، އާރްބީއައި އިން އަމާޒު ހިފާފަފައިވާ %6 އަށް ވުރެ މަތިވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ އިންފްލޭޝަން %6.52 އަށް މަތިވެފައިވާއިރު، މިއީ އޮކްޓޫބަރުހެ ފަހުން އާރްބީއައިއިން އަމާޒު ހިފާފައިވާ އިންފްލޭޝަން ރޭޓަށްވުރެ މައްޗަށް އިންފްލޭޝަން ރޭޓު ދިޔަ ފުރަތަމަ ފަހަރެވެ.

ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައިގެ ގާތްގަނޑަކަށް %40 ހިއްސާކުރާ ކާބޯތަކެތީގެ އަގުގެ އިންފްލޭޝަން ޑިސެމްބަރު މަހު %4.19 އަށް ގައި ހުރިއިރު ޖެނުއަރީ މަހު ވަނީ %5.94 އަރާފައެވެ. ސީރިއަލްއާއި ކިރުގެ ބާވަތްތަކުގެ އަގުތައް މިހާރުވެސް އަންނަނީ އުފުލެމުންނެވެ.

ތަރުކާރީގެ އަގު %11.7 ވެއްޓުނު ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ސީރިއަލްގެ އަގު ވަނީ %16.12 އަށް އުފުލިފައެވެ. ކިރުގެ އަގު %8.79 އަށް އަދި ބިހުގެ އަގު %8.78 އުފުލިފައިވެއެވެ.

މިދިޔަ ހަފްތާގައި އާރުބީއައިއިން ވަނީ ކޯ އިންފްލޭޝަން މަތީގައި އޮތް ކަމަށް ބުނެ ކީ ރެޕޯ ރޭޓް ކުއާޓަރ ޕަސެންޓް ޕޮއިންޓް މަތިކޮށްފައެވެ.

އެޤައުމުގެ އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހާއި އަޅާބަލާއިރު ޖެނުއަރީ މަހު އިންޑިއާގެ ކޯ އިންފްލޭޝަން އަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ޑިސެމްބަރު މަހުގެ ކޯ އިންފްލޭޝަން ހުރީ %6.1 ގައެވެ. ޖެނުއަރީ މަހުގެ ކޯ އިންފްލޭޝަން ހުރީ %6.09 ގައެވެ.