ޚަބަރު

އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފުރާވަޑައިގެންފި


އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފިއެވެ.އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސެކްރެޓަރީ ޖެނެރަލަށް އަލްވަދާޢު ވިދާޅުވީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ.ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އިއްޔެ ބައްދަލު ކުރައްވައި، ސަރުކާރުން އިޢުލާނު ކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އދ.އިން އެހީތެރިވާނެކަމަށާއި، ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަޞްރަހަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށް ރައީސް ޔާމީނުގެ އިސްނެންގެވުމުގެ މަތިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެއްޓެވުމަށް ނިންމެވި  ނިންމެވުމަށް މަރުޙަބާ ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ޔެނެޗްވަނީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއިވެސް ބައްދަލުކުރައްވާފައެވެ.ޔެނެޗްއަކީ އދ.ގެ ސިޔާސީ ދާއިރާގެ ކަންތައްތަކާއި ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް. މި މަޤާމަށް ޔެނެޗް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. ޔެނެޗްގެ މި ދަތުރުފުޅުގައި އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ އޭޝިއާ އަދި ޕެސިފިކް ޑިވިޜަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ޝިން އުމެޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.