ޚަބަރު

ޖިންސީ ތަފާތު ކުރުން ނައްތާލުމާބެހޭ ބިލަށް މެންބަރުންގެ ތާއީދު


ޖިންސީ ތަފާތު ކުރުންތައް ނައްތާލުމަށް ހުށައެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތާޢީދުކޮށްފިއެވެ.ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށައެޅުއްވި "ޖެންޑާ އިކުއަލިޓީ"  ބިލް ވަނީ މިއަދުގެ ޖަލްސާއަށް ބަލައިގަތުމަށްފަހު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވަވާފައެވެ.ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ބިލުގެ މަޤްޞަދަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ލިބިދޭ އަސާސީ ހައްޤުތަކާއި މިނިވަންކަން ވަކި ޖިންސަކަށް ނުވަތަ ޖެންޑާރއަކަށް ބަލައި ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ވަކި ޖިންސަކަށް ބެލުމަށް ފަހު އެއްވެސް މީހަކާ މެދު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް ތަފާތު ކުރުމަކީ މަނާ ކަމެއްކަމަށެވެ. މިބިލް މާނަކުރަންވާނީ ޤާނޫނު އަސާސީއާއި އިސްލާމްދީނުގެ އަޞްްލުތަކާ، އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.މި ބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން  އަސްމާ ރަޝީދު ވިދާޅުވީ، ވަކި ޖިންސެއްގެ މީހުންނަށް ވަކި ބާވަތެއްގެ މަސައްކަތްތަކެއް ޚާއްސަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ވަކި ޖިންސެއްގެ މީހުންނަށް ފުރުޞަަތު ނުލިބޭ ގޮތަށް އުފެދިފައިވާ ހަމަހަމަކަން ގެއްލިފައިވާ ނިޒާމެއްގެ ސަބަބުން ކުރިމަތިވާ ނިޒާމީ ތަފާތު ކުރުން ބެލެވޭނީ "ޖެންޑާ" އަށް ބަލައި ތަފާތު ކުރުންކަމަށެވެ. މިބިލަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ޖުމްލަގޮތެއްގައި ބިލަށް ތާއީދުކުރެއްވިއެވެ. މެމްބަރުންގެ ވާހަކާގައި އަންހެނުންނާއި ފިރިހެނުންގެ ހައްޤުތައް ހިމާޔަތްކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.ޖެންޑަރ އިކުއަލިޓީ ބިލުގައި ބުނެފައި ވަނީ ވަޒީފާ ދިނުމުގައާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު ދޭންޖެހޭނެ ކަމަށެވެ. އަދި ޖިންސީ ތަފާތު ކުރުމެއް ގެންގުޅުނު ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ ނުވަތަ އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްނަމަ ކޯޓުގައި ދަޢުވާކޮށް، އެފަރާތެއްގެ ޢަމަލު މުރާޖާކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެކަމަށްވެސް ޖެންޑަރ އިކުއިޓީ ބިލްގައިބަޔާންކޮށްފައިވެއެވެ.