ޚަބަރު

ތުރުކީ-ސޫރިޔާ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 33،000އަށް


ފެބްރުއަރީ 6ގައި ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އިރުމަތީ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު 33،000އަށްވުރެ މައްޗަށް އަރައިފިއެވެ. ދަންވަރުގެ ވަގުތުގައި އައި ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތުން 29,605 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ. އަދި، ސޫރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4,500އަށް އަރާފައެވެ. މި ޢަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ބިންހެލުމާ ގުޅިގެން ސޫރިޔާގައި 5.3 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުން އެކަށިގެންވާކަމަށާއި ތުރުކީއާއި ސޫރިޔާގައި ގާތްގަނޑަކަށް 900،000 މީހުން ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަމުން އަންނަކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.

ރިކްޓަރ މިންގަނޑުން 7.8އާއި 7.5ގެ ބާރުމިނުގައި އައި ބިންހެލުންތަކުގައި ތުރުކީވިލާތުގައި އެކަނިވެސް 6,000 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާއިރު، ޢިމާރާތްތަކުގެ ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިތިއްބާ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ފަނޑުވަމުންދިޔަ ނަމަވެސް، އެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

ބިންހެލުމުން އައިފަހުން 150 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވެފައިވާއިރު، ވެއްޓިފައިވާ ބައެއް ޢިމާރާތްތަކުގެ ކޮންކްރީޓްތަކާއި ފާރުތަކުގެ ދަށުން ބައެއް މީހުން ވަނީ ދިރިތިއްބާ ސަލާމަތް ކުރެވިފައެވެ. މީހުން ސަލާމްތަކުރުމުގެ މަސައްކަތުގައި އެކި ޤައުމުތަކުން 100,000 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ މި ބިންހެލުމާ ގުޅިގެން އިތުރު ލޮޅުންތައް މި ސަރަހައްދުތަކަށް އަންނާކަމަށް ބެލެވެއެވެ.