ޚަބަރު

ތުރުކީ-ސީރިއާ ބިންހެލުން: އެހީ ފޯރުކޮށްދިނުމުގެ އިސް ސަފުގައި ދިވެހިން


މިމަހުގެ 6 ވަނަ ދުވަހު ތުރުކީވިލާތަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިން ހެލުމުގައި އެތައްހާސް މީހުން މަރުވެ އެތައްހާސް ބަޔަކު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައިވަނީ ތާށިވެފައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމުގެ އުއްމީދު ފާއިތުވަމުންދާ ކޮންމެ ދުވަހަކާއެކު ދަނީ ފަނޑުވަމުންނެވެ. ހިތްދަތި މިދަނޑިވަޅުގައި ސަލާމަތްވި މީހުންނާއި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް އެހީވުމުގެ މަސައްކަތް ޤައުމުތަކުގެ އެހީދޭ ޖަމާޢަތްތަކާއި ޢާއްމު ފަރުދުންވެސް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ދިވެހިންވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.

އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ރާއްޖެއިންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މިފަދަ އެތައް ވާހަކައެއްގެ ތެރެއިން މިފަހަރު މިއޮތީ މިވަގުތު ތުރުކީގައި ދިރިއުޅޭ ދިވެހި ޢާއިލާއަކުން ތުރުކީއާއި ސީރިއާގެ ރައްޔިތުންގެ ތެރެއިން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެދެމުންދާ އެހީގެ ވާހަކައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމްގެ އަނބިކަނބަލުން ޝަޖަން މުއާޒް ޝަހީމްގެ ވާހަކައެވެ.

ޝަޖަންއަށްވަނީ ބިންހެލުން އައި ދުވަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެހީގެގޮތުގައި ކުރި މަސައްކަތްތައް ވަރަށް ގާތުން ފެނިފައެވެ. އަދި މިވީ މުއްދަތުގެ ތެރޭގައި ކުރެވުނު ތަޖުރިބާއާއި، އެހީގެގޮތުގައި ކުރި މަސައްކަތްތައް ޝަޖަންވަނީ ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

"ބޭރަށް ވަޑައިގަންނަވާ، ބިންހެލުމުގެ ޙާދިސާއާއި ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވޭ"

ޝަޖަން ބުނީ ބިންހެލުމުގެ އަސަރު މާބޮޑަށް ޝަޖަން ދިރިއުޅޭ އަންޓާލިޔާއަށް އެދުވަހު ނުކުރާކަމަށެވެ. އެހެންނަމަވެސް ގޭގަ ހުރި ތަކެތި ހުރި ތަންތަން ނޫން އެހެން ތަންތަނަށް ޖެހިފައިވާކަން ފާހަގަވިކަމަށެވެ. ޝަޖަން ބުނީ ޤައުމުގެ ޙާލަތު ގޯސްކަން ޚަބަރުތަކުން އެނގި އެކަމުގެ ހާސްކަން އިތުރުވެފައިވަނިކޮށް އިވުނީ ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މުޅި ހިސާބުގަނޑު އެއްވުމަށް ތުރުކީ ބަހުންނާއި އިނގިރޭސި ބަހުން ގޮވާލި އަޑު ކަމަށެވެ. އެއާއެކު ރަނގަޅު ޕްލޭނަކާއެކު ކޮންމެ މީހަކުވެސް އެމީހަކަށް ވީގޮތަކަށް ކަމާއި ބެހޭ ފަރާތްތަކުގެ އެހީގައި އެންމެ ބޭނުންޖެހިފައިވާ ތަކެތި ފޮނުވަން ފެށި ކަމަށް ޝަޖަން ބުންޏެވެ.

ބިންހެލުން އައި އަވަށަށް ނިސްބަތްވާ ޢާއިލާތަކުން، މިހާދިސާގައި ސަލާމަތްވި އެޢާއިލާތަކުގެ މީހުންގެ ރައްކާތެރިކަމާއެކު އަމިއްލަ ހިޔާވަހިކަމަށް ގެންނަނީއެވެ. އެގޮތަށް އައި ޢާއިލާތަކާއި އެނޫންވެސް މީސް މީހުންނަށް އެހީވުމަށް، ހިސާބުގަނޑު އެންމެން ކައްކާ ކެވޭނެ ގޮތާއި ތުއްތު ކުދިންނަށް ބޭނުންވާ އެކި ސާމާނު ފޯރުކޮށްދީ އެބިރުވެރި ޙާދިސާއިން ލިބުނު ނަފްސާނީ ބިރުވެރިކަމުން އަރައިގަތުމަށް އެހީވަނީއެވެ.

ޝަޖަން ބުނީ އެޤައުމުގެ ރައްޔިތުން އަމިއްލަ ޢާއިލާއަށްޓަކައި އުފުލަމުންދިޔަ ހިތާމައިގައި ބައިވެރިވެ ޝަޖަންވެސް އެފަރާތްތަކަށް އެހީވުމަށް އަމިއްލަ ޢާއިލާގެ އެހީއަށް އެދި ގޮވާލިކަމަށެވެ. ބައިނަލްއަޤުވާމީ އެހީދޭ އެކި ޖަމިއްޔާތަކާއި ގާތްގުޅުމެއް ބާއްވާ ޝަޖަން އެންމެ ބޭނުންވަނީ އެހީތެރިއެއްގެ ގޮތުން ފްރަންޓްލައިނަށް ނުކުންނަންށެވެ. އެހެންނަމަވެސް ތުއްތު ފަސް ކުދިންގެ މަންމައަކަށްވުމުން އެއީ ޝަޖަންއަށް ކުރެވޭނެ ކަމަކަށް ނުވިއެވެ.

ޝަޖަންގެ ޢާއިލާއާއި އެކުވެރިންގެ ފަރާތުން ލިބުނު އެހީ

ބިންހެލުމަށް 6 ދުވަސް ފާއިތުވީއިރު ފްރޮންޓްލައިނަށް ނުކުމެވެން ނެތްނަމަވެސް، ޢާއިލާއާއި ރައްޓެހިންގެ ފަރާތުން މާލީ އެހީގެ ގޮތުގައި ލިބުނު 1400 ޑޮލަރުގެ އެހީ އެންމެ ޙާލުގައި ތިބި ފަރާތްތަކަށް ދިވެހިންގެ ނަމުގައި ޝަޖަންވަނީ ފޮނުވާފައެވެ. އަދި ފިނީގައި ވަންނާނެ ގެއެއް ގެދޮރެއް ނިދާނެ ތަނެއް ނެތް އެކި މީހުންނަށް 200 ބްލެންކެޓާއި 48 ބާލީހާއި ތުއްތު ކުދިންގެ 40 ބްލެންކެޓް ޝަޖަންވަނީ ފޯރުކޮށްދީފައެވެ. ތުރުކީގެ ފޮރިން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ގުޅިގެން ކޮންމެ ގަޑިއިރަކުން ފޮނުވާ ކާގޯގެ ތެރޭގައި ދިވެހިންގެ އެހީ އަންނަނީ ފޮނުވަމުންނެވެ. އަދިވެސް އެޤައުމުގެ ރައްޔިތުންނަށް އެހީ ބޭނުންވެއެވެ. ޝަޖަން ބުނީ އެންމެ ބޮޑަށް ބޭނުންވާކަމަށް މިހާރު މަޢުލޫމާތު ލިބެމުންދަނީ ތުއްތު ކުދިންގެ ނެޕީއާއި، އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ކެއިން ބުއިމަށް ބޭނުންވާ ކަރުދާސް ތަށި ފަދަ ތަކެތިކަމަށެވެ.

މިއީ ތުރުކީގައި އުޅޭ ދިވެހި ޢާއިލާއަކުން ކުރަމުންގެންދާ މަސައްކަތެވެ. ތުރުކީ އާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގެ ކާރިސާއިން އަރައިގަތުމަށް އެހީވުމަށް އެޤައުމުގައިވެސް ފްރޮންޓްލައިންގައި އެހެން ޤައުމުތަކުގެ ވޮލަންޓިއަރުން ފަދައިން ދިވެހިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އިންސާނީ ކާރިސާގެ މިދަނޑިވަޅުގައި ދިވެހިން ތިބީ އެދެޤައުމުގެ ރައްޔިތުންނާއެކު ކަން ދިވެހިން އަންނަނީ ދައްކައިދެމުންނެވެ. އެއީ ދިވެހިންގެ އާދައެވެ. ކުޑަ ޤައުމަކަށްވިޔަސް ދިވެހިން އަންނަނީ އެހީތެރިވުމުގައި ފަހަތަށް ނުޖެހި ނަމޫނާ ދައްކަމުންނެވެ.