ޚަބަރު

އަމީނީމަގުގައި ތާރު އަޅަން ފެށުން: 7 ދުވަސްތެރޭގައި ސްޓެލްކޯއަށް ހަމައަށް ނިންމާލާނެ


އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންއެވެ.

އަމީނީ މަގަކީ މާލޭގެ ކާރުބާރު ބޮޑު މަގުތަކުގެ ތެރެއިން އެއްމަގެކެވެ. އެ މަގު ކުރީގައި އޮތްގޮތުން ރައްޔިތުންނަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުންނެވެ. މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން އެކި މީހުންނަށް ހާނިއްކަވެ އެކްސިޑެންޓްތައްވެސް ހިނގާފައި އެބަހުއްޓެވެ. އަދި މަގު އެއްވަރުނުމުމުގެ ސބަބަުން އެއްގަމު އުޅަނދުތައް ދުއްވާ މީހުންނަށްވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. މީގެ އިތުރަށް ވިއްސާރަވެ ވާރޭވެހި އެ މަގުގައި ފެންބޮޑުވުމުގެ މައްސަލަތަކަކީވެސް އައު ކަމެއް ނޫނެވެ.

އަމީނީ މަގުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިދިޔަ އހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަގުގެ މަސައްކަތްތައް ފެށިއެވެ. ނަމަވެސް މަގު ހެދުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވިއެވެ. ޚާއްސަގޮތެއްގައި އަމީނީ މަގުގައި ހުރި ބޮޑެތި ގަސްތަކުގެ މޫތައް ނެގުމަށާއި މަގު އަޑީގައި އަޅާފައި އޮތް ހޮޅިތައް އަލުން އެއްވަރު ކުރުމުގެ މަސައްކަތްވީ ބޮޑު މަސައްކަތެކެވެ. މިކަމުގެ ސަބަބުން އަމީނީ މަގު ނިންމަން އޮތް ތާރީޚްވެސް ފާއިތުވެގެން ދިޔައެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް 13 ސެގްމަންޓްއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު މިހާރު ކުރިއަށް ދަނީ ސެގްމަންޓް 4 ގައި ހިމެނޭ ސްޓެލްކޯއިން ފެށިގެން އެވިޑް ކޮލެޖްއާ ހަމައަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތެވެ. އަދި މިހާރު ވަނީ އެ މަގުގައި ތާރުއެޅުމުގެ މަސައްކަތްވެސް ފަށާފައެވެ. މިގޮތުން ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އެބީސީ ފަށައަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ 7 ދުވަސްތެރޭ ސްޓޭލްކޯއާ ހަމައަށް ތާރު އަޅާ ނިންމުމެވެ.

އަމީނީ މަގުގައި ތާރުއެޅުމަށްޓަކައި އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައިދީފައި ނުދެވާތީ އެމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މެޝިން ބަހައްޓާނެ ޖާގަ އާރްޑީސީއަށް ހަމަޖައްސާދެވުމުން ކުރިއަށް އޮތްތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީންކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަންޖެހެއެވެ. މި މަސައްކަތް އާރުޑީސީން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައްކަމަށް އާރުޑީސީން ވަނީ ހާމަކުރައްވާފައެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމާލުމެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022ގައެވެ. މި މަސައްކަތަށް 84.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.