ވިޔަފާރި

އެއްމެ އެކްސްކުލޫސިވް ލެޝަރ ޕްރޮޑަކްޓްގެ އެވޯޑް ރާއްޖެއަށް


އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރކަމުގައިވާ "ވަން ވަރލްޑް ޓްރެވަލް މާޓް"، އޯ.ޓީ.އެމުންދޭ އެންމެ އެކްސްކުލޫސިވް ލެޝަރ ޕްރޮޑަކްޓްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައި މިވަނީ މިމަހުގެ 18 އިން 20 އަށް މުމްބާއީގައި ކުރިއަށްދިޔަ އޯޓީއެމް ފެއަރއަށް ފަހު ބޭއްވި ހަފްލާއެއްގައެވެ. މިއަހަރުގެ އޯ.ޓީ.އެމް ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ 26 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ފެއަރ އޮންނަ ސަރަޙައްދުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަކާއި، ބިލްބޯޑުތަކާއި ބެޖާއި ރާއްޖެ އިޝްތިހާރުކޮށްދޭ ކެރީބޭގްތައް ބަހާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ހިސާބުތަކުން ހޮޓާތަކާއި ރިސޯޓްތަކާއި ޓްރަވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ ފަރާތަކުން ބައިވެފައިވެއެވެ. އިންޑިއާއަކީ 5 ވަނައަށް އެއްމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 52،368 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.