ޚަބަރު

ޗައިނާގެ ޑޮކްޓަރުންގެ ޓީމާއި ގުޅިގެން ބޭއްވި އައިކޭމްޕްގައި 179 މީހަކަށް ފަރުވާދީފި


ޗައިނާގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރއާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ ކޭމްޕްގައި މިހާތަނަށް 179 މީހަކަށް ފަރުވާ ދީފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޗައިނާގެ އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ކުރިއަށްގެންދާ ކޭމްޕް މިފަހަރު ކުރިއަށް މިގެންދަނީ 3 އަހަރުގެ މެދުކެނޑުމަކަށްފަހުގައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ޗައިނާގެ އޮފްތަލްމިކް ސެންޓަރުން ލޮލުގެ ފަރުވާއަށް ޚާއްސަ ކޭމްޕްތައް އެކި އަހަރުތަކުގައި ބާއްވައެވެ. 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިކޭމްޕް އަނެއްކާވެސް މިވަނީ ބާއްވާފައެވެ. މިފަހަރުގެ ކޭމްޕްގައި ޗައިނާގެ 4 ޑޮކްޓަރުންނާއި 3 ނަރުހުންވަނީ ޙަރަކާތްތެރިވެފައެވެ. ޗައިނާގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރއާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެންވަނީ ލޮލުގެ އެކި ފަރުވާއަށް ޚާއްސަ އައި ކޭމްޕް ބާއްވާފައެވެ. މިކޭމްޕްގައި ޖުމްލަ 179 މީހުންނަށް ލޮލުގެ އެކި ފަރުވާތައް ދީފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ މިކޭމްޕްގައި ރިފެރެކްޝަން ނުވަތަ ފެނުމުގައި މައްސަލަ އުޅޭތޯ ބެލުމަށް 52 މީހަކު ޓެސްޓުކޮށްފައިވާކަމަށެވެ. އަދި ލެކްރިމަލް ޑަކްޓް ޕްރޮބިންގ އެންޑް ސިރިންޖިން ނުވަތަ ކަރުނަ ވަޅު ސާފުކުރުމަށް 17 މީހަކަށް ފަރުވާދީފައިވެއެވެ. 2 މީހަކު ލޮލުގެ ލޭޒަރ ހައްދާފައިވާއިރު، ޓޮނޮމެޓްރީ ނުވަތަ ލޮލުގެ އެތެރޭގެ ޕްރެޝަރ ދެނެގަތުމަށް 83 މީހަކުވަނީ ޓެސްޓު ކޮށްފައެވެ. އަދި ލޮލުގެ ރެޓީނާގެ ޓެސްޓެއް ކަމުގައިވާ އޮޕްޓިކަލް ކޮހެރެންސް ޓޮމޮގްރަފީ ޓެސްޓު 85 މީހަކުވަނީ ހަދާފައެވެ. މީގެއިތުރުން ލޮލުގެ ފެނުން ނުވަތަ މުޅިލޮލުގެ ވިޝުއަލް ފިލްޑް ޓެސްޓު 12 މީހަކު ހަފާދައިވާއިރު ބައޯމެޓްރީ ޓެސްޓު 17 މީހަކުވަނީ ހަދާފައެވެ. އަދި ލޮލުގެ ފުސްކެހުމަށް ހަދާ ކެޓަރެކްޓް ސަރޖަރީ 19 މީހަކު ހަދާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޗައިނާގެ ޑޮކްޓަރުންގެ ޓީމުތައް ރާއްޖެ އައިސް 2015 އަދި 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް މިފަދަ އައި ކޭމްޕްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޗައިނާއާއި ރާއްޖެއާއި ދެމެދުވެވިފައިވާ އެއްބަސްވުމުގެ ދަށުން ލޮލުގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ޗައިނާގެ އެހީގައިވަނީ ކްލިނިކެއްވެސް ޤާއިމުކޮށްފައެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިކޭމްޕް ބާއްވާފައިވާއިރު ރަސްމީކޮށް ޗައިނާއާއި ރާއްޖެއާއި ދެމެދު ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތެއް ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިރަސްމިއްޔާތުގައި ލޮލުގެ ފަރުވާއާއި ގުޅޭ ބައެއް ވަޞީލަތްތައް ޗައިނާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ.