މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ސަރުކާރުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވެއެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދިއުމަށް ރަށެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. މިއާއެކު މާލެ ސަރަޙައްދުން ވަކި ތަނެއް ހިއްކާ ދަތުރުދިޔުމަށް ޚާއްސަ ރަށެއް ތަރައްޤީކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން މަސައްކަތްފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ފަޅެއް ހިއްކައިގެން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑްގައި އާއްމު ޚިދުމަތްތަކާއި، އަދި ދަތުރުދާ ރަށަކުން ބޭނުންވާ ހުރިހާ ޚިދުމަތް ވަނީ ފުރިހަމަކޮށްފައެވެ. އާއްމު ޚިދުމަތްތަކުގެ ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތްވެސް ހިމެނެއެވެ. އަދި ރަށުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ އަދި ކުޑަކުދިންނަށް ޚާއްސަ ޕާކެއް ވެސް ހިމެނެއެވެ. މީގެއިތުރުން ރީޑިން ކޯނާފަދަ ތަންތަންވެސް ހިމެނެއެވެ.
މިހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ކުޑަގިރި ރަސްމީކޮށް ހުޅުވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ޢާއްމުންވަނީ ކުޑަގިރީގައި ޤާއިމުކޮށްފައިވާ އެކި ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ.
ކުޑަގިރިއަށް ދަތުރުދިޔުމަށް އެޗްޑީސީންވަނީ ޚާއްސަ އުސޫލެއްވެސް އެކުލަވާލާފައެވެ. މިއުސޫލުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. އެގޮތުން އެ ދުވަސްތަކުގައި ފެރީ އަދި އެންޓްރެންސް ފީވެސް މުޅިން ހިލޭ ކަމަށް އެޗްޑީސީންވަނީ ވިދާޅުވެއެވެ. ހަފްތާ ބަންދު ނޫން އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރު ދިޔުމަށް ޚާއްސަ ފީއެއް ދައްކަންޖެހެއެވެ. މީގެއިތުރުން ހަދާ ކޮންމެ ބުކިންގއަކާއެކު ކުޑަގިރިއަށް ގެންދެވޭނީ އެންމެ ބިދޭސީއެއްކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
ލަވައާއި މިއުޒިކްގެ ކުޅިވަރުތައް އިންތިޒާމު ހަމަޖައްސާފައިވީ ނަމަވެސް ނަމާދު ގަޑިތަކާއި ދިމާކޮށް ލަވަޖަހައި އަޑުގަދަކުރުން މިއުސޫލުގެ ދަށުންވަނީ މަނާކޮށްފައެވެ. އަދި ޢާއްމު އިޖުތިމާޢީ މިންގަނޑާއި އެއްގޮތަށް ހެދުން އެޅުމަށް ސަމާލުކަން ދިނުމަށް އަންގާފައިވާއިރު ނިވާކަން ކުޑަ ހެދުންތައް ރަށުތެރޭގައި ލުމަކީ މަނާކަމެކެވެ. އަދ ރަށުތެރޭގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިންގާ ފަރާތެއް ރަށުން ފޭބުމަށް އަންގާ އިތުރަށް ރަށަށް އެރުން މަނާކުރުމުގެ އިޚްތިޔާރު މިއުސޫލުގެ ދަށުން އެޗްޑީސީއަށްވަނީ ދީފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްފައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ހާމަކުރައްވައެވެ.
ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެހެން މާލެ ސަރަޙައްދުގެ ރައްޔިތުން ކުރަމުންއައި އިންތިޒާރަށް ނިމުމެއްމިވަނީ އައިސްފައެވެ. ދެންއޮތީ މިތަން ބަލައިގަނެ ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމެވެ.