ޚަބަރު

ކުޑަގިރި މާދަމާ ހުޅުވަނީ، ރަށުގެ ހިތްގާއިމުކަން ކުޑަވިޔަނުދޭން އެންމެންގެ ޒިންމާ ބޮޑު


މާލެ ސަރައްދުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހެދި ފުރަތަމަ އާޓިފިޝަލް ޕިކްނިކް އައިލެންޑް "ކުޑަގިރި" މާދަމާ ހުޅުވާނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައިދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ. މި ރަސްމިއްުުޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، މި މަސައްކަތުގައި ބައިވެރިވި ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ.

މާދަމާ މި ރަށް ހުޅުވާލާއިރު ދުވަހުގެ ހުރިހާ ހަރާކާތްތައްވެސް ކުރިއަށްގެންދާނީ، އެ ދުވަހު ރަށަށް ދަތުރުދިއުމަށް ބުކިން ހައްދާފައިވާ އާއްމު ރައްޔިތުންނަށްވެސް ބައިވެރިވެވޭގޮތަށެވެ.

މާލެއާއި ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި، 15 މިނެޓުން ދެވޭ ހިސާބުގައި އޮތް ކުޑަގިރި މާދަމާއިން ފެށިގެން ހުޅުވާލާއިރު، މާދަމާއަށް ހުޅުވާލި 300 ޖާގަ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ފުލުވެފައެވެ.

ކުޑަގިރީގައި ދަތުރުދާ ރަށަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ދަތުރުދާ މީހުން ތިބުމަށް ޚާއްސަ ހަޓުތަކާއި، ޑޭ ރޫމާއި، ކެފޭ، ފިހާރަ އަދި ވޯޓަރ ސްޕޯޓްސްއާއި އަދި ރަށު ތެރޭގައިވެސް ގިނަ ކުޅިވަރުތައް ކުޅެވޭނެ ފެސިލިޓީ ވަނީ ހަދާފައެވެ. ރަށް ހުޅުވާލުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި މި ހުރިހާ ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދޭނެއެވެ.

ފުރިހަމަ ތައްޔާރީއާއެކު ހުޅުވާ މި ހިތްގައިމު ޕިކްނިކް އައިލެންޑް އެ ގޮތުގައި ބޭވުމަށް ދަތުރުދާ އެންމެންގެވެސް ޒިންމާ ބޮޑެވެ. ޚާއްސަކޮށް އެތަނުގައި ޤާއިމްކޮށްފައިވާ ވަޞީލަތްތަކަށް ގެއްލުން ނުދިނުމާއި ރަށް ސާފުކޮށް ބޭއްވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނެއެވެ.

ސަމާލުކަން ދޭންވީ ކަންކަން

- ނަމާދު ގަޑިތަކުގައި މިސްކިތް ސަރަހައްދުގައި މިއުޒިކްކުޅުމާއި، އަޑުގަދަ ކުރުން މަނާ
- އެކަކު އަނެކަކަށް އިހްތިރާމްކުރުން (އަހްލާގީ އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ ސެކިއުރިޓީ އެޓެންޑު ވާނެ)
- އިޖްތިމާއީ މިންގަނޑުތަކާ އެއްގޮތަށް ހެނދުން އެޅުން
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ނޫން ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
- ސިންގަލް ޔޫސް ޕްލާސްޓިކް ރަށަށް އެރުވުން މަނާ
- މޫދަށް އެރުން މަނާ ސަރަހައްދުތަކަށް މޫދަށް ނޭރުން
- ސާފްތާހިރުކަން ދެމެހެއްޓުން
- ރަށުގެ އެއްވެސް މުދަލަކަށް ގެއްލުން ނުދިނުން
- އަމިއްލަ މުދާ ބެލެހެއްޓުން
- މޫދަށް އެރުމުގައި ކުޑަކުދިންނަށް ސަމާލުވުން
- މަސްތުވާތަކެތި ގެންގުޅުމަކީ، އަދި ބޭނުންކުރުމަކީ މަނާކަމެއް

ސަރުކާރުން ނިންމާފައިވަނީ ހަފްތާ ބަންދާ، ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށެވެ. އެގޮތުން އެ ދުވަސްތަކުގައި ފެރީ އަދި އެންޓްރެންސް ފީވެސް މުޅިން ހިލޭ ވާނެއެވެ. ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް އަރާ ކޮންމެ މީހެއްގެ ބޮލަކަށް 50 ރުފިޔާ ނަގާނެއެވެ. އަދި ފެރީގެ އަގަކީ 25 ރުފިޔާއެވެ.