ސިޔާސީ

އެމްޑީޕީއާއި އަދާލަތުން މަޝްވަރާތަކަށް ޝަރުތުތަކެއް


ޤައުމުގެ ތަރައްޤީއަށް އިތުރަށް ފަހިކުރެއްވުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ސަރުކާރުން ސިޔާސީ ޕާރޓީތަކަށް ދެއްވި ދަޢުވަތަކާ ގުޅިގެން، އެމް.ޑީ.ޕީ އާއި ޢަދާލަތު ޕާޓީން ރަސްމީކޮށް ޝަރުތުތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، އެ ދެޕާޓީން ޝަރުތުތަކެއް ކުރިމަތިކުރުވާފައިވާ ކަމަށާއި، މަޝްވަރާތަކުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުގެ ތަފްޞީލާއި ބައެއް ޕާޓީތަކުން ހުށައަޅުއްވާފައިވާ ޝަރުޠުތައް ސަރުކާރުން ރައްޔިތުންނާ ޙިއްޞާކުރައްވާނެ ކަމަށެވެ. މުޢާޒް ވިދާޅުވީ، ޝަރުތުތަކެއް ހުށައެޅުއްވިނަމަވެސް ސަރުކާރުގެ ވިސްނެވުން ގެންގުޅުއްވަނީ މަޝްވަރާގެ މޭޒުދޮށަށް ހުރިހާ ޕާޓީތަކުން ގެންނެވުންކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ބޭނުންފުޅަކީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދެވުން ކަމަށާއި، އެގޮތުން މަޝްވަރާތައް ހިނގާގޮތް މޮނިޓަރކޮށް ބެލުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދެއްވާފައިވާކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އދ.ން އެހީތެރިވާނެކަމަށާއި، ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލޮވް ޔެނެޗް ވަނީ އިއްޔެ ރައީސް ޔާމީނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވިދާޅުވެފައެވެ.ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް ޔާމީނުގެ އިސްނެންގެވުމުގެ މަތިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެއްޓެވުމަށް ނިންމެވުމުން އެކަމަށް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.