ވިޔަފާރި

ދަނޑުވެރިކަންކުރަން އިސްދޫން 1ލައްކަ އަކަފޫޓުގެ ބިމެއް އެގްރޯނެޓަށް


ހައްދުންމަތީ އިސްދޫގައި އެގްރޯނެޓުން، ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމަކީ އެގްރޯނެޓުގެ މުޅިން އައު ކޮންސެޕްޓެކެވެ. ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައެވެ.

ލ.އިސްދޫގައި ކޮމިއުނިޓީ ފާމިން މަޝްރޫއުގައި އެގްރޯނެޓްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދުއެވެ. އަދި އިސްދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލެވެ.

ކޮމިއުނިޓީ ފާމިންގ މަޝްރޫއުގެ ދަށުން ރަށްރަށުން 1 ލައްކަ އަކަފޫޓުގެ ބިން ހޯދުމަށްފަހު، އެތަން ތަރައްޤީކުރަނީ އެގްރޯނެޓުގެ ޚަރަދުގައެވެ. އެ ކުންފުނިން ވިދާޅުވީ އިސްދޫގައި ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ބިން ސާފުކޮށް ދަނޑު ހައްދައް ފަށާނެކަމަށެވެ. މިތަނަށް ކުލި ދައްކާނީ އެގްރޯނެޓުންނެވެ.

އިސްދޫގައި ކޮމިއުނިޓީ ފާމިން މަޝްރޫއުގައި ދަނޑުވެެރިކަން ކުރުމަށް 15،000 އަކަފޫޓުގެ 6 ދަނޑު ހަދާނެއެވެ. އަދި މިތަނުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާނެއެވެ. މި ދަނޑުތަކުގައި ހައްދަނީ މެލަން، ފަޅޯ އަދި ކިއުކަންބާއެވެ.

ހުރިހައި ވަޞީލަތްތަކާއިއެކު އެގްރޯނެޓުން ތަރައްޤީކުރާ މިތަނުގައި ބޭނުންކުރާނީ ސޯލާ ހަކަތަކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އެތަނުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ހައްދާ ތަކެތި ވިއްކަން ޖެހޭނީ އެގްރޯނެޓަށެވެ.

ކޮމިއުނިޓީ ފާމިން މަޝްރޫއަކީ ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އިސްދޫގެ އިތުރުން 4 ރަށެއްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ނ. ލަންދޫ، ނ. މާފަރު، ނ. މަނަދޫ އަދި ކ. ކާށިދޫއެވެ. މި ރަށްތަކާއިއެކު ވަރަށް އަވަހަށް އެއްބަސްވުންތައް ޤާއިމްކުރާނެކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.