ދުނިޔެ

އީރާނުން އިތުރު 700،000 ފީފާގެ ތެޔޮ އުފައްދަން މަސައްކަތްކުރަނީ


އީރާނުން މިހާރު އުފައްދާ ވަރަށްވުރެ އިތުރަށް ދުވާލެއްގެ މައްޗަށް 700,000 ފީފާގެ ތެޔޮ އުފައްދަން މަސައްކަތްކުރަމުން ގެންދާކަން އެޤައުމުން ބުނެފިއެވެ.އީރާނުގެ ތެލާބެހޭ ވަޒީރުގެ ނާއިބު ރުކްނުއްދީން ޖަވާދީ ވިދާޅުވީ އީރާނުގެ ކުރުމުއްދަތުގެ އަމާޒަކީ ދުވާލެއްގެ މައްޗަށް 4,700,000 ފީފާގެ ތެޔޮ އުފެއްދުނުކަމަށާއި މި ލަނޑުދަނޑި ޙާޞިލްކުރުމަށްޓަކައި ދުވާލެއްގެ މައްޗަށް 700,000 ފީފާގެ ތެޔޮ އިތުރަށް އުފައްދަންޖެހޭ ކަމަށެވެ. މިކަމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލިފަހުން އެޤައުމު ގެންދަނީ ތެޔޮއުފައްދާ މިންވަރު އިތުރު ކުރަމުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިފަހުން އިތުރަށް އުފައްދާ ތެލުގެ މިންވަރު މިހާރު ދުވާލެއްގެ މައްޗަށް 500,000 ފީފާއަށް މައްޗަށް ގޮސްފައިވާ ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.