ޚަބަރު

އެމްޓީޑީސީގެ އައު ހެޑް އޮފީހުގެ ޢަމަލީ މަސައްކަތް އަންނަ ކުއާޓަރުގައި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އައު ހެޑް އޮފީސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ފަށްޓަވާނެކަމަށް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްޞަމަދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީއަށް 15 ފުރުމާއި ގުޅިގެން ބޭއްވި އަހަރީ ޖަލްސާގައި އެމްޓީޑީސީގެ އައު ހެޑް އޮފީސް ޢިމާރާތުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް 2006 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީއަށް 15 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ތަޒްމީލް އަބްދުއްޞަމަދު ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުތެރޭގައި، ގިނަ ގޮންޖެހުންތަކާއިއެކުވެސް އެމްޓީޑީސީން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާކަމަށެވެ.

އެހެންނަމަވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިއަށް އައި ލޮޅުމުން އަރައިގަނެ، ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމްޓީޑީސީއަށް ލިބޭ އާމްދަނީއާއި ފައިދާ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަންވެސް ތަޒްމީލް ފާހަގަކުރެއްވިއެވެ.

ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީއަށް ފައިދާވެ، ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ އެކުންފުނީގެ މުހިންމު ޢަމާޒެއްކަމަށެވެ. އެގޮތުން، އެމްޓީޑީސީގެ އައު ހެޑް އޮފީހާއިއެކު އެކަން ފަހިވެގެންދާނެކަމަށް ތަޒްމީލް ފާހަގަކުރެއްވިއެވެ.

އެމްޓީޑީސީގެ އައު ހެޑް އޮފީސް ތަރައްޤީކުރަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކުރިމަތިން، 6000 އަކަމީޓަރަށްވުރެ ބޮޑު ބިމެއްގައިއެވެ. މި ޢިމާރާތް ތަރައްޤީކުރެވޭނީ ޒަމާނީ ފެންވަރަށްކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެގޮތުން، އެ ޢިމާރާތުގައި މަލްޓި ޕަރޕޯސް ހޯލްއަކާއި، ޖިމެއްގެ އިތުރުން، ބިޒްނަސް ލައުންޖްއެއް ޤާއިމްކޮށްފައި ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނި މިއަހަރުގެ ދެ ވަނަ ކުއާޓަރުގައިކަމަށް ތަޒްމީލް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އެ އޮފީހުގެ ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތާއި، ކަމާއިބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތަކުގެ މަސައްކަތްކަންވެސް ތަޒްމީލް ފާހަގަކުރެއްވިއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ އެ ޢިމާރާތް ތަރައްޤީކޮށް ނިންމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައިކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.

އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ ޢާމްދަނީއަށެވެ. އެއީ އަނަންތަރާ ކިހަވަކާއި، އަޔާޑާ މަގުއްދޫއިން ލިބޭ ޢާމްދަނީއެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1834361 (އެއް މިލިއަން އަށް ލައްކަ ތިރީސް ހަތަރު ހާސް ތިން ސަތޭކަ ފަސްދޮޅަސް އެކެއް) ޑޮލަރު ނުވަތަ 28.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1815631 (އެއް މިލިއަން އަށް ލައްކަ ފަނަރަ ހާސް ހަ ސަތޭކަ ތިރީސް އެކެއް) ޑޮލަރު ނުވަތަ 28 މިލިއަން ރުފިޔާއެވެ.