ޚަބަރު

އެޕްރެންޓިސްޝިޕަކީ ޒުވާނުން ވަޒީފާ ހޯދުމަށް އޮތް ފަހި ފުރުޞަތެއް: މަޚްލޫފް


ޤައުމީ އެޕްރެންޓިސްޝިފަކީ، އެ ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކު، ކުރިއަށްދާން ބޭނުންވާ ދާއިރާއިން ވަޒީފާ ހޯދުމަށް ފަހި ފުރުޞަތެއްކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޒުވާނުނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، އެޗްޑީސީއާއެކު ކުރިއަތް ގެންދިޔަ ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ މަޚްލޫފް ވިދާޅުވީ، މި ޕްރޮގްރާމް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ހުނަރުވެރި ޒުވާނުންތަކެއް ވަޒީފާގެ ބާޒާރައް ނެރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދާދިނުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ދޭ ސެޓުފިކެޓަކީ، ވަޒީފާ ހޯދުމަށް އޮތް ފަހި ފުރުޞަތެއްކަމަށެވެ. އެގޮތުން އެ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިހާރު ގައިމުވެސް ތިބޭފުޅުން އަތުގައި ހަމަ ރަނގަޅު ފެންވަރެއްގެ ސެޓްފިކެޓެއް އަތަަށް ތިލިބިވަޑައިގަތީ. އަމިއްލަޔައް މަސައްކަތް ކުރަން ވިއަސް އަދި އެހެން ދިމާއަކުން ވަޒީފާގެ ފުރުޞަތެއް ހޯދަން ކަމުގައިވިއަސް" މަހުލޫފް ވިދާޅުވިއެވެ.

ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކުރިއަށް ދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވާދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުއްނަކީ ފަސްނުޖެހި އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުމަކީވެސް ޕްރޮގްރާމްގެ މަޤްޞަދެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޗްޑީސީގެ މަނޭޖިން ޑިރެކްޓަރ އަހުމަދު އާޠިފް ވިދާޅުވީ، ރާއްޖޭގައި އުފެއްދުންތެރިކަމުގެ މުހިންމު ސިނާއަތްތަކުގައި ބިދޭސީން ގިނަކަމަށެވެ. އެއީ އެންމެ ދުވަހަކުން ވެފައި އޮތް ކަމެއް ނޫންކަން ފާހަގަކުރައްވަމުން އާޠިފް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުން، ޒުވާނުން އެ ވަޒީފާތަކަށް ޝަޢުޤުވެރިކަން އުފެއްދޭކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ހުނަރުވެރި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުންކަމަށެވެ.

"މި ޕްރޮގްރާމްތަކުގެ ބޭނުމަކީ ރާއްޖޭގައި މި ވަގުތަށް ބޭނުންވާ ހުނަރުތަކަށް ޒުވާނުން ނެރުން، ބޭރު މީހުންނަށް ހުޅުވިފައިވާ އެ ފުރުސަތުތަކަކީ ދިވެހި ބާޒާރުން އެ ހުނަރުތަށް ނެއްތުން " އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތަފާތުއެކި ދާއިރާތަކުން ފަންނީ ހުނަރުވެރި ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮއްދީ އެކަމަށް މަގު ފަހިކޮއްދިނުމަކީ އެޗްޑީސީގެ ވަރަށް ބޮޑަށް އަހައްމިއްޔަތެއް ދޭ ކަމެއްކަމަށް އާޠިފް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އާޠިފް ވިދާޅުވިއެވެ. އަދި ގައުމު ތަރައްގީކޮށް ޒުވާނުން ބިނާކުރުމަށްވެސް އެޗްޑީސީއިން ބޮޑު އަހަމިއްޔަތެއް ދެއްވާނެކަމަށްވެސް އާޠިފް ވިދާޅުވިއެވެ.

މިއީ ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ ފަރާތުން މެދުކެނޑުމެއްނެތި ހިންގާ މިފަދަ ފަސްވަނަ ޕްރޮގްރާމެވެ. އަދި މި އަހަރުގެ ޕްރޮގްރާމްގައި 72 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ. 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 10 ދާއިރާއަކުން ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.

އެ ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، މޭޝަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިދިޔަ އަހަރު އެންމެ ގިނައިން ޒުވާނުން ތަމްރީންކޮށްފައިވަނީވެސް އެޗްޑީސީންނެވެ.