ވިޔަފާރި

ޗައިނާގެ ގްރޫޕް ފަތުރުވެރިންގެ ދަތުރުތައް ރާއްޖެ ހިމެނޭގޮތަށް 20 ޤައުމަކަށް


ރާއްޖެ ހިމެނޭގޮތަށް ޗައިނާގެ ގްރޫޕް ފަތުރުވެރިންގެ ދަތުރުތައް 20 ޤައުމަކަށް ފަށައިފިއެވެ.

މި ދަތުރުތައް ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ކޯވިޑް19 އާއި ގުޅިގެން ޗައިނާގައި އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތައް އުވާލުމާއިއެކު އެ ޤައުމުން އެންމެ ފުރަތަމަ ދަތުރުފެށި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ކޯވިޑަށްފަހު ޗައިނާއިން ރާއްޖެއަށް އައި އެންމެ ފުރަތަމަ ފަތުރުވެރިންގެ ގުރޫޕް ރާއްޖެ އައިސްފައިވަނީ ޖަނަވަރީމަހުގެ 18 ވަނަ ދުވަހުއެވެ.

3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް އައި އެންމެ ފުރަތަމަ ފްލައިޓަކީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިނެވެ. މި އެއަރލައިނުން ރާއްޖެއަށް 198 ފަތުރުވެރިން ވަނީ އައިސްފައެވެ. އެއަށްފަހު މިމަހުގެ 4 ވަނަ ދުވަހު ޗައިނާގެ އީސްޓަން އެއަރލައިންގެ ދަތުރުތައް ވަނީ ރާއްޖެއަށް ފަށާފައެވެ.

ޗައިނާގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއިއެކު އެ ޤައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެ އަހަރު ޗައިނާއިން ރާއްޖެއަށް 284029 (ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވާވީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޗައިނާއިން ރާއްޖެއަށް ދަތުރުފެށިތާ ހަފްތާއެއް ނުވަނީސް ޗައިނާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ލިސްޓަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ ހިމެނެނީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް 5،985 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން، ރާއްޖެ ހިމެނޭގޮތަށް 20 ޤައުމަކަށް ގްރޫޕް އައުޓްބައުންޑް ދަތުރުތައް މިހާރު ވަނީ ފަށާފައެވެ. އެއީ ތައިލެންޑް، އިންޑޮނޭޝިއާ، ކެމްބޯޑިއާ، ދިވެހިރާއްޖެ، ސްރީލަންކާ، ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ލާއޯސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، ކެންޔާ، ސައުތު އެފްރިކާ އަދި ރަޝިއާއެވެ.

އައުޓްބައުންޑް ގްރޫފް ދަތުރުތަކަކީ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އިންތިޒާމްކުރާ ދަތުރުތަކެކެވެ. މިފަދަ ދަތުރުތަކުގައި ރާއްޖޭގެ ސަޤާފަތާއި އަދާކަތައް ދެނެގަނެވޭ ތަޖުރިބާތައް އެކުލެވޭފަދަ ތަފާތު ޓުއަރ ޕެކޭޖްތައް ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭނެއެވެ.

ޗައިނާއަކީ ގްރޫޕްކޮށްކުރާ ދަތުރުތަކުގައި މަޝްހޫރު ޤައުމެކެވެ. މިފަދަ ދަތުރުތަކުގައި ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނައަށް އެންމެ މަޤްބޫލް މަންޒިލަކީ ރާއްޖެއެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، ޗައިނާ ފަތުރުވެރިން ރާއްޖެއަށް މިކުރާ ގްރޫޕް ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދޭތެރޭ އިތުރު ޑައިރެކްޓް ފްލައިޓްތައް ފަށާނެކަމަށެވެ. އަަދި ޗައިނާ ހުޅުވާލުމުން ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލަކަށް ރާއްޖެ ވެގެންދާނެކަމަށްވެސް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.