ކުޅިވަރު

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 13 ސްކޫލަކުން ބައިވެރިވެއްޖެ


މިފަހަރުގެ
އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 13 ސްކޫލަކުން ވާދަކުރާނެކަމަށް ނެޓްބޯޅަ
އެސޯސިއޭޝަނުން ބުނެފިއެވެ. 

ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން
ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާނީ ލާލޭ ޔޫތް
އިންޓަރނޭޝަނަލް ސްކޫލް، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ،
އަހުމަދިއްޔާ، އަރަބިއްޔާ، އަމީނިއްޔާ، އިސްކަންދަރު، ޖަމާލުއްދީން، ހިރިޔާ،
ސީ.އެޗް.އެސް.އީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ތާޖުއްދީން ސްކޫލް އަދި
ކަލާފާން ސްކޫލްއެވެ. 

މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ. އެގޮތުން 12 އަހަރުން ދަށުގެ
އުމުރުފުރާގެ ބައިގައި 10 ސްކޫލަކުން ވާދަކުރާނެއެވެ. 14 އަހަރުންދަށުގެ
އުމުރުފުރާގައި 7 ސްކޫލަކުން ވާދަކުރާނެއެވެ. 16 އަހަރުންދަށުގެ އުމުރުފުރާގައި
ވާދަކުރާނީ 6 ސްކޫލަކުންނެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި 4 ސްކޫލަކުން
ވާދަކުރާނެކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދިނެވެ. 

އަންނަ މަހުގެ 10-19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތަކީ
މިއަހަރުގެ ނެޓްބޯޅަ ކަލަންޑަރުގެ ފުރަތަމަ މުބާރާތެވެ. އަދި މިއީ މިދިޔަ އަހަރުގެ
މެދުތެރޭގައި ނެޓްބޯޅަ އެސޯސިއޭޝަނާއި މިހާރުގެ ބޯޑް ހަވާލުވިފަހުން ބާއްވާ
ފުރަތަމަ މުބާރާތެވެ.