ޚަބަރު

ރިކަވަރީ ލޯނަށް ފައިސާ ދެއްކުން 19 މަހަށް ފަސްކޮށްދީފި


ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކޯވިޑް-19 ރިކަވަރީ ލޯނުގެ ގްރޭސް ޕީރިއަޑް ނުވަތަ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފިއެވެ. ބީއެމްއެލް ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް 19 މަހަށް ފިނޭންސް މިނިސްޓްރީން ވަނީ ފަސްކޮށްދީފައެވެ.

ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

ފިނޭންސް މިނިސްޓްރީ ވިދާޅުވީ، ރިކަވަރީ ލޯނަކީ ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ސްކީމަކަށްވުމުން، ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެމިނިސްޓްރީގެ މުހިންމު މަޤްޞަދެއްކަމަށެވެ.

ރިކަވަރީ ލޯނު އަނބުރާ ދެއްކުމަށް ލުއިފަސޭހަގޮތެއް ފަހިކޮށްދިނުމަށް، 2021 ވަނަ އަހަރުގެ މާޗް މަހު، އެލޯންގެ ގްރޭސް ޕީރިއަޑް ވަނީ 6 މަހުގެ މުއްދަތަށް ފަސްކޮށްދީފައެވެ. ނަމަވެސް، މިލޯންތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ އަނެއްކާވެސް 19 މަސްދުވަހަށް އިތުރުކުރުމަށް ނިންމައިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރިކަވަރީ ލޯންތަކުގެ ގްރޭސް ޕީރިއަޑް 19 މަސް ދުވަހަށް އިތުރުކުރެވޭނީ ކުރިން މިމުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް އިތުރުކޮފައި ނުވާ ފަރާތްތަކަށްކަމަށެވެ.

މީގެއިތުރުން، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް، 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުޞަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށް ހުޅުވާލައިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީއެމްއެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މިލޯންތަކުގެ ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއްކަމަށް ފިނޭންސް މިިނިސްޓްރީން ވިދާޅުވެއެވެ.