ޚަބަރު

އެމިނެމްގެ އަންހެން ދަރިފުޅު ހެއިލީ އެންގޭޖް ވެއްޖެ


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެމިނެމްގެ އަންހެން ދަރިފުޅު ހެއިލީ ޖޭޑް މެތަރސް އޭނާގެ ދުވަސްވީ ލޯބިވެރިޔާ އިވާން މެކްލިންޓޮކް އާއި އެންގޭޖް ވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ހެއިލީ މި ވާހަކަ އެނާގެ އިންސްޓްގްރާމްގައި ހިއްސާކޮށްފައެވެ. އަދި މި ޚާއްސަ ދުވަހުގެ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ހެއިލީ އާއި އިވާން ރައްޓެހިވީ 2016 ވަނަ އަހަރުއެވެ.

އަންހެން ދަރިފުޅު ދެކެވާ ލޯބީގެ ވާހަކަ އެމިނެމް އަބަދުވެސް ދައްކައެވެ. އޭނާ ކިޔާ ރެޕްތަކުގައިވެސް ހެއިލީގެ ވާހަކަ ދައްކައެވެ. މިއަހަރުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި އެމިނެމް ވަނީ އޭނާގެ އަންހެން ދަރިފުޅު ކޮލެޖް ނިންމައި މީހަކާއި ރައްޓެހިވެގެން އުޅޭ ކަމަށްވެސް ބުނެފައެވެ.

އެމިނެމްގެ ކުރީގެ އަންހެނުން ކިމް ސްކޮޓް އަށް ހެއިލީގެ އިތުރުން އިތުރު ދެ އަންހެން ކުދިން ތިބެއެވެ. އެއީ އެލިއާނާ ސްކޮޓް އަދި ސްޓީވީ ލެއިން ސްކޮޓް އެވެ.

އަސްލު ނަމުން ނަމަ މާޝަލް ބްރޫސް މޭތާޒް ތިނެއް އަދި އުމުރުން މިހާރު 48 އަހަރުގެ އެމިނެމްގެ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "މިއުޒިކް ޓު ބީ މާޑާޑް ބައި" އެވެ. އޭނާ އަކީ މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލު ކޮށްފައިވާ ފަންނާނެކެވެ.