ޚަބަރު

ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ މީހާ އަނބުރާ ފޮނުވާލައިފި


ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެތަކެތި ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިމަހުގެ 6ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރައެވެ.

މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ވަނީ ފޮނުވާލާފައެވެ. އޭނާ ފޮނުވާލީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ޤަވައިދު" އާއި އެއްގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.