 
										
			"ކުޑަގިރި ޕިކްނިކް އައިލެންޑް" މިއީ މިހާރު އާ ނަމެއް ނޫނެވެ. އެހެން ނަމަވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ ޓީވީއާއި ސޯޝަލް މީޑިއާއި ޚަބަރުތަކުން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކާއި މަންޒަރުތައް ހަމަލޮލުން ބަލާލުމަށެވެ. އުފެދޭ ސުވާލަކީ ފޮޓޯއިން ފެންނަހާ އެރަށް ފުރިހަމަވާނެބާއެވެ؟ 
8 ހެކްޓަރުގެ ކުޑަގިރި ޕިކްނިކް އައިލެންޑަކީ މުޅި ރާއްޖެއަށްވެސް މުޅިން އާ ކޮންސެޕްޓެކެވެ. ޚާއްސަ ޚިދުމަތްތަކާއެކު ދަތުރުދާން ރަށެއް ހަދަނިއްޔޭ ބުނީމަ އަބަދުވެސް ސިފަކުރެވުނީ ކުޑަ ބަނޑޮހެވެ. މާލެ ސަރަޙައްދުގައި ދަތުރުދާން އޮތް ހަމައެކަނި ރަށެވެ. ރަށުން ލިބެންހުރި މަދު ޚިދުމަތްތަކާއި، ތޮއްޖެހި ބާރުވެފައި އޮތް ފެރީތަކާއި، ގެންދާ އެތިކޮޅު ބަހައްޓާނެ މޭޒެއް ހޯދަން އުޅުނުގޮތާއި، ފާޚާނަބަރީގެ ދިގު ކިއުތަކާއެކުވެސް ރަށަށް ދަތުރުދާ މީހުންގެ އަދަދަށް ބަދަލެއް ނާދެއެެވެ. ނަމަވެސް އެ ދަތުރުތަކުގެ ކޮންމެ ހަނދާނަކީ، އާއިލާއާއި ރަޙުމަތްތެރިންނާއެކު ހޭދަކުރި ފޮނި ހަނދާންތަކެކެވެ. އެ ތަޖުރިބާތައް އަލުން ކޮށްލަން ބޭނުންވާ ހަނދާންތަކެކެވެ. 
މީގެ 10ވަރަކަށް އަހަރު ކުރިން ރިސޯޓެއް ހެދުމަށް ކުޑަބަނޑޮސް ނެގުމާއެކު މި ސަރަޙައްދުގައި ދަތުރުދާން އޮތް ހަމައެކަނި ރަށްވެސް ގެއްލުނީއެވެ.
		
 
										 
										 
										
			ސަރުކާރުގެ ވަޢުދާ އެއްގޮތަށް މާލެ ކައިރިން ދަތުރު ދިއުމަށް ރަށެއް ތަރައްޤީކުރަން ކުޑަގިރި ފަޅު ހިއްކާ މަސައްކަތް ފެށީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިމަސައްކަތް ފުރިހަމަވެގެން ދިޔައީ އެޗްޑީސީން ތައްޔާރުކުރި މާސްޓަރ ޕްލޭނާ އެއްގޮތަށް، ސަރުކާރު ޙިއްސާވާ އެތައް ކުންފުންޏެއްގެ ބުރަ މަސައްކަތާއި އަމިއްލަ ކުންފުނިތަކުގެވެސް ބޮޑެތި އެހީތަކާއެކުއެވެ. 
ފަޅެއް ހިއްކައިގެން ތަރައްޤީކުރި ކުޑަގިރީގައި މިހާރު ކުރިއަށްދަނީ ރަށް އާއްމުންނަށް ހުޅުވާލުމަށް ވަމުންދާ ފަހުގެ ތައްޔާރީއެވެ. މިއީ ރައްޔިތުންގެ ބޮޑު އިންތިޒާރެކެވެ. ސަރުކާރުގެ ފުރިހަމަ އިންތިޒާމްތަކެކެވެ. 
"ރައީސްގެ ވަޢުދާ އެއްގޮތަށް މި ރަށް މި ތަރައްޤީކުރެވުނީ އެއްފަހަރާ ވީހާވެސް ގިނަ ބަޔަކަށް ރަށް ބޭނުންކުރެވޭގޮތަށް. އެއްފަހަރާ 500މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ ޤާއިމުކޮށްފިން." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އާތިފް ވިދާޅުވިއެވެ.
		
 
										 
										 
										
			ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ފުރިހަމައެވެ. މާސްޓަރ ޕްލޭންގެ ކުރެހުންތަކުން ފެނުނު މަންޒަރާ އެ ކުލަތައް ހަގީގަތަކަށްވެ، ރަށް އޮތީ ޒީނަތްތެރިވެފައެވެ.  
ޕިކްނިކް އައިލެންޑްގައި އާއްމު ޚިދުމަތްތަކާއި، އަދި ދަތުރުދާ ރަށަކުން ބޭނުންވާ ހުރިހާ ޚިދުމަތް ވަނީ ފުރިހަމަކޮށްފައެވެ. އާއްމު ޚިދުމަތްތަކުގެ ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި ހަޓުތައް ހެދުމާއި، އައުޓް ޑޯ ފެންމާގަނޑާއި ފާޚާނާ ބަރިއާއި ޗޭންޖިންގ ރޫމާއި މިސްކިތްވެސް ހިމެނެއެވެ.  
އަދި ރަށުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކެފޭއަކާއި ފިހާރަޔާއި، ވޯޓަރ ސްޕޯޓްސްއާއި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއާއި ބާބަކިއު އޭރިއާ އަދި ކުޑަކުދިންނަށް ޚާއްސަ ޕާކެއް ވެސް ހިމެނެއެވެ. މީގެއިތުރުން ރީޑިން ކޯނާފަދަ ތަންތަންވެސް ހިމެނެއެވެ.
		
 
										
			ދެން އޮތީ ކުޑަގިރީގެ އިންތިޒާމްތަކާއި ޚިދުމަތްތަކުގެ ވާހަކައެވެ. ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރުދިއުމަށް ދުރާލާ ބުކިން ހެދޭނެއެވެ. ޕިކްނިކް އައިލެންޑުން ލިބޭނެ ޚިދުމަތްތަކާއި ޕެކޭޖުތަކާއި އަދި އަގުތަކާއި ގުޅޭ މަޢުލޫމާތުތައްވެސް އެޕްލިކޭޝަނުން ފަސޭހައިން ބަލާލެވޭނެއެވެ. 
އަދި ރަށަށް އަރާ ހިސާބުން މަރުހަބާކިއުމުން ފެށިގެން ޚިދުމަތްތަކަށް މަގުފަހިކޮށްދިނުމުގައިވެސް ރަށުގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެއެވެ.  
"ފުރަތަމަ އިސްކަން ދީފައިވަނީ މި ޚިދުމަތް ލުއިފަސޭހަކުރުމަށް. ރަށަށް އޮންނަ ފެރީ އޮންނާނެ ކުރީގެ ގޮތަށް ދޯނިފެރީގައި އެ މަޖާ ނެގޭގޮތަށް. ރަށަށް އަރާ ފަރާތްތަކަށް ޓީމްގެ މެންބަރުން މަރުހަބާ ކިޔާނެ. އަދި ރަށަށް އަންނަ ކޮންމެ ގްރޫޕަކަށް، ރަށުގައި ކަންކަން ރޭވިފައި ހުންނަ ގޮތާއި ޚިދުމަތްތަކުގެ މަޢުލުމާތު ދޭނެ. އެއަށްފަހު ހުރިހާ ޚިދުމަތްތައް އެންޖޯއި ކުރެވޭނެ." ކުޑަގިރީގެ ޖެނެރަލް މެނޭޖަރ އިނާޒް ވިދާޅުވިއެވެ.
		
 
										 
										 
										
			ކުޑަގިރީގެ ޚިދުމަތްތަކަށް ބަލާއިރު، އެތަނުގައި ދަތުރު ގޮސް ތިބޭ މީހުންނަށް ޚާއްސަ 17 ހަޓު ހުރެއެވެ. އެއީ 4 ބޮޑުއަށްޓާއި 13 ކުޑަ އަށްޓެވެ. މިއިން ކޮންމެ ހަޓެއްގައިި މޭޒާއި ގޮނޑި އާއި ކެއްކުމުގައި ބޭނުންކުރާ އައްޓެއް ހުންނާނެއެވެ. އެތަނުން ކަރަންޓު ލިބޭނެއެވެ. ފެން ލިބޭގޮތަށް ސިންކު ހުންނާނެއެވެ. 
އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކު ބޭނުންވާ އިތުރު ޚިދުމަތްތަކާއެކު އަށިވެސް ބުކް ކުރެވޭނެއެވެ. އަދި މި އަށިތައް ބުކްކުރާއިރު، ކުޑަގިރިން އުނދުނާއި ހިފާގެންގުޅޭ ސާމަނު ފޯރުކޮށްދޭ ޕެކޭޖުތައްވެސް ބުކްކުރެވެން ހުންނާނެއެވެ. އަދި ފޯނު ޗާޖުކުރުމަށާއި ކަރަންޓު ވަސީލަތް ބޭނުންކުރެވޭގޮތަށް ކަރަންޓުވެސް ހަޓުތަކާއި ގުޅާފައި ހުންނާނެއެވެ.  
"ކުރީގެ ގޮތަށް ކައްކަން އުނދުނާ އެހެނިހެން ސާމާނު ގެންނާކަށް މިހާރު ނުޖެހޭނެ. މިތަނުން އުނދުނާ ކައްކާ ސާމާނާއި ބަދިގެ ސާމާނު ލިބޭނެ. އަދި ދަތުރަށް ބޭނުންވާނެ ކާބޯޓަކެތި ގަނެވޭނެ. ބެކްޕެކް އެކަނި ގެނަޔަސް ވާނެ. އަދި ކައްކަން ބޭނުން ނުވާ ބޭފުޅުންނަށް ކެފޭ ހުންނާނެ." އިނާޒް ވިދާޅުވިއެވެ.
		
 
										 
										 
										 
										
			ކުޑަގިރީގެ ފަރުމާއަށް ބަލާއިރު، ރަށުގެ ޚިދުމަތްތައް ޤާއިމުކޮށްފައިވަނީ އެރަށުގެ ފުރިހަމަކަން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުރެވޭނެ ގޮތަށެވެ. މުޅި ރަށް އޮތީ ވޯކްވޭއަކުން ގުޅާލާފައެވެ. އަދި މޫދަށް އެރުމަށް ރޭމްޕްވެސް އެބަހުއްޓެވެ. 
"ރިންގްރޯޑެއް ހެދިފަ މިއޮތީ. އެރައިވަލްއާއި ހަމައިންވެސް ޚާއްސަ އެހީއަށްބޭނުންވާ މީހުންނަށް އިތުރު އެހީ ލިބޭނެ. ބީޗް އެކްސެސް ލިބޭނެ. އަދި ކެފޭ ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް އަގަކާ ނުލާ ލިބޭނެ." އިނާޒް ވިދާޅުވިއެވެ.
އިނާޒް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ޚާއްސަ މުވައްޒަފުންގެ ޓީމެއް އޮންނާނެކަމަށެވެ. އަދި ލޯފަން މީހުންނަށް ޚާއްސަކޮށް ސައިނޭޖްވެސް ހަދާނެކަމަށެވެ.
		
 
										 
										 
										
			ކުޑަގިރީގެ އެންމެ ޚާއްސަ ކަމަކީ، ރަށުގެ ރީތި މަންޒަރުތަކާއި ހިތްގައިމުކަމެވެ. ރަށުން ގެނެސްދޭ "ފަން ވައިބް"އެވެ. ރަށުގެ އިމާރާތްތައް ފަރުމާކޮށްފައިވަނީ އައުޓް ޑޯރ ފެސިލީޓީތަކުގެ ޑިޒައިންތަކަށެވެ. އަދި މިއިން ކޮންމެ އިމާރާތެއް ނުވަތަ ހަޓުތަކުގައި ކުރަހާފައިވާ ރީތި ޖަޒީރާވަންތަ މަންޒަރުތަކުން ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަނޑު އަޑީގެ މަންޒަރުތަކާއި ގޮނޑުދޮށްތަކާއި ރާއްޖެއިން ފެންނަ ރީތި ދޫނިސޫފާސޫފީގެ ކުރެހުންތަކެވެ. 
އަދި ރަށުގެ އެކި ސަރަޙައްދުތަކުގައި އެކި ކަހަލަ ކުޅިވަރު ކުޅުމަށް ކޯޓުތަކާއި އަދި ވޯޓަރ ސްޕޯޓް ހަޓެއްވެސް ވަނީ ހަދާފައެވެ.  
"މިއީ އެކްޓިވިޓީ އައިލެންޑެއް. ފުޓް ބޯލް، ވޮލީ، ބީޗް ވޮލީ، ވޯޓަރ ގޭމް، އޮންލޭންޑް ގޭމްސް ބީޗްގޭމްސް ކުޅެވެން ހުންނާނެ. ރެކްރިއޭޝަނަށް ޚާއްސަ ބޮޑު ޓީމެއް އެބައޮތް." އިނާޒް ވިދާޅުވިއެވެ.
		
 
										 
										
			ކުޑަގިތި ހުޅުވާއިރު އެތަނުގައި، މަޑުކޮށްލައިގެން ތިބުމަށް ޚާއްސަ ޑޭ ރޫމްތައްވެސް ހުންނާނެއެވެ. އެގޮތުން މީގެ 8 ކޮޓަރި ވަނީ ހަދާފައެވެ. މިތަންތަންވެސް ކުއްޔަށް ނެގޭނެއެވެ.  
ކުޑަގިރިއަކީ ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއް ދޭނެ ތަނެކެވެ. ރަށް ފެހިކުރުމާއެކު، އެރަށަކީ ސިންގަލް ޔޫސް ޕްލާސްޓިކްވެސް އެރުވުން މަނާ ރަށެކެވެ. އަދި ރަށުގައި އާއްމުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.
		
 
										
			ކުޑަގިރި ޚާއްސަ އިވެންޓުތަކަށް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކައިވެނި ޙަފްލާތަކާއި ޕާޓީތައް، އިޖްތިމާއީ އަދި ވިޔަފާރިއާއި ގުޅުންހުރި އިވެންޓްތަކަށްވެސް ދޫކުރާނެއެވެ.  
ރަށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިހާރު އެރަށުގައި 60މުވައްޒަފުންގެ ޓީމަކުން މަސައްކަތް ކުރެއެވެ. މީގެތެރޭގައި ރިސެޕްޝަން އޮފީސް، ސެކިއުރިޓީ އަދި ލޭންޑް ސްކޭޕިން މަސައްކަތްތަކަށްް ޚާއްސަ ޓީމް ހިމެނެއެވެ.  
ކުޑަގިރި ޕިކްނިކް އައިލެންޑަށް އެޗްޑީސީން ބާއްވާ ފެރީގެ ޚިދުމަތުގެ އިތުރުން، އަމިއްލަ އުޅަނދުތަކުގައިވެސް
 ދަތުރުކުރެވޭނެއެވެ.