ދުނިޔެ

އިތުރު 18 އަވަށެއް ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފި


ސޫރިޔާގެ އުތުރުގައި އެޤައުމުގެ ސިފައިން ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަންގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް 18 އަވަށެއް އަލުން އަނބުރާ އެޤައުމުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފިއެވެ.އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާޢަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިން ބުނީ ސޫރިޔާ ސިފައިންގެ މިއޮޕަރޭޝަން ހިންގަމުން ގެންދަނީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކުގައި ކަމަށާއި މިއޮޕަރޭޝަންގައި ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތްވެސް ބައިވެރިވާކަމަށެވެ. ސޫރިޔާގެ އުތުރުގެ ޙަލަބްގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ސޫރިޔާ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންގައި ލިބިފައިވާ ކާމިޔާބީ ތަކާއެކު ސޫރިޔާ ސިފައިން، ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ 25 ކިލޯމީޓަރު ގާތަށް މިހާރު ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.މިއޮޕަރޭޝަންގެ ބޭނުމަކީ ތުރުކީވިލާތުގެ ސަރަޙައްދީރޮނގު ހުރަސްކޮށް ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން ނިމުމަކަށް ގެނައުން ކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ.