ޚަބަރު

އީފާސްއިން އެންމެ ގިނައިން ބޭނުންކުރާ އެޕްއަކަށް ބިޒްނަސް ޕޯޓަލް


ސަރުކާރުގެ ޚިދުމަތްތައް ލުއިފަސޭހަކޮށް އޮންލައިންކޮށް ދިނުމަށް ފެށި އީފާސް މެދުވެރިކޮށް އެންމެ ގިނައިން ބޭނުންކުރާ އެޕްއަކީ ބިޒްނަސް ޕޯޓަލްއެވެ.

އެގޮތުން މިދިޔަ މަސް ނިމުނު އިރު ޖޮބް ޕޯޓަލްގެ އެޕް 20،967 ފަހަރު ބޭނުންކޮށްފައިވެއެވެ.

އީފާސްއަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

2012 ވަނަ އަހަރު ބޭނުންކުރަންފެށި މިޚިދުމަތަށް 10 އަހަރު މިވަނީ ވެފައެވެ. މިޚިދުމަތަށް މީގެ ކުރިން ނުގެންނަހާ ބޮޑެތި ކުރިއެރުންތައް ވޭތުވެދިޔަ 4 އަހަރުތެރޭގައި ވަނީ ގެނެސްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދަޢުލަތުގެ މުއައްސަސާތަކުގެ އޮފީސްތަކަށް ހާޒިރުވެގެން ހޯދަންޖެހޭ އެތައް ޚިދުމަތެއް މިހާރު އީފާސް ނިޒާމުގެ ތެރެއިން ދޭން ފެށުމެވެ.

މިހާތަނަށް އައިއިރު އީފާސްއަށް 139ހާސް މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި ހުސްވިމަހު 894 މީހުން އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 440އަށްވުރެ ގިނަ ޚިދުމަތް މި ޕޯޓަލްގެ ތެރެއިން ފޯރުކޮށްދެއެވެ. މިހާތަނަށް 6.1 މިލިއަން ފަހަރު ޕޯޓަލްއަށް ލޮގިންވެ ޚިދުމަތް ހޯދާފައިވެއެވެ. މީގެ ތެރެއިން މިދިޔަ މަހުއެކަނިވެސް 138000 ފަހަރު ޚިދުމަތް ބޭނުންކޮށްފައިވެއެވެ. އީފާހުގައި 64 އެޕްލިކޭޝަނަކުން ޚިދުމަތް ދެމުން އަންނައިރު ޖެނުއަރީމަހު 40 އެޕެއްގެ ޚިދުމަތް ހޯދާފައިވެއެވެ.

އީފާސްއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ އަމާޒަކީ ޑިޖިޓަލްކޮށް ޚިދުމަތް ހޯދާ މީހުންނަށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ޚިދުމަތަކީ އެންމެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ޑިޖިޓަލް ޚިދުމަތަކަށް ހެދުންކަމަށެވެ.

އީފާސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި ޖެނުއަރީ މަހު ބިޒްނަސް ޕޯޓަލްއިން 20،967 ފަހަރު ވަނީ ޚިދުމަތް ހޯދާފައެވެ. އަދި ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދޭ "ވިއުގާ އޮންލައިން" އެޕްއިން 20،808 ފަހަރު ޚިދުމަތް ހޯދާފައިވާއިރު ހުޅުމާލެ އެޕް 13394 ފަހަރު ޚިދުމަތް ހޯދިއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލްއިން 3،024 ފަހަރު ޚިދުމަތް ހޯދާފައިވާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެޕްލިކޭޝަން "ދިރިތި" އެޕްއިން 2،874 ފަހަރު ޚިދުމަތް ހޯދިއެވެ. މީގެ އިތުރަށް އެހެނިހެން އެޕްތަކުން 16،358 ފަހަރު ޚިދުމަތް ހޯދާފައިވެއެވެ.

އީފާސް ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ކެބިނެޓްގެ ލަފަޔާއެކު ނިންމަވާފައެވެ. އެގޮތުން މިހާތަނަށް އައިއިރު ޚިދުމަތް ތަރައްޤީކޮށް، ޓޫ.ފެކްޓަރ އޮތެންޓިފިކޭޝަން ވަނީ ތަޢާރަފްކޮށްފައެވެ. އަދި އޮންލައިންކޮށް އީފާސް ވެރިފައި ކުރެވޭނެ ނިޒާމު ވަނީ ހަރުދަނާކޮށް، އިފްތިތާޙުކޮށްފައެވެ. އެގޮތުން ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ކޮންމެތާކު، ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައިކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.