ޚަބަރު

"އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" އައްޑޫގައި ފަށައިފި


މުޅި ރާއްޖޭގައި "އިޖުތިމާއީ ރައްކާތެރިކަން އެންމެންނަށް" ފޯރުކޮށްދެއްވުގެ ޕްރޮގްރާމް މިއަދު އައްޑޫ ސިޓީގައި ފަށްޓަވައިފިއެވެ.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާރއިން އިސްނަންގަވައިގެން މުޖުތަމައުގެ އެކި އިދާރާތައް ބައިވެރިކުރައްވައިގެން ހިންގަވަން ހަމަޖެހިފައިވާ މި ޕްރޮގުރާމް އިފްތިތާޙްކޮށްދެއްވީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގުމާވެސް ޙަވާލުވެ ހުންނެވި އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލްއެވެ. މިނިސްޓަރ އަނިލް ވިދާޅުވީ، މި ޕްރޮގުރާމްގައި އެންމެންގެ ބައިވެރިވުން ކޮންމެހެން ބޭނުންވާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ނަތީޖާއަކަށްވާނީ، ދުރާލައި ކަންކަމާމެދު ފިޔަވަޅުއަޅައި ރައްކާތެރިވެވޭނެ މަގުތަށް ތަނަވަސްކުރެވިގެން ދިޔުންކަމަށް މިނިސްޓަރ އަނިލް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ކޮމިއުނިޓީ ސޯޝަލް ގުރޫޕްތަކެއް އުފައްދަވައި، އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތް ހަރުދަނާކުރައްވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ ރަށްރަށުގައި އުފައްދާ ކޮމިއުނިޓީ ސޯޝަލް ގުރޫޕްގައި ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި ފުލުހުންގެ އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ރަށްރަށުގައި ޙަރަކާތްތެރިވާ ކުލަބު ޖަމްޢިއްޔާތައްވެސް މި ގްރޫޕްތަކުގައި ހިމަނުއްވާނެކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާރއިން ހާމަކުރައްވައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ޖެންޑަރ މިނިސްޓްރީން ކުރައްވާ މި މަސައްކަތުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. ސޮއިކުރެއްވުމަށްފަހު އައްޑޫ ސިޓީގެ މޭޔަރ މުޙައްމަދު ޞާދިޤް ވިދާޅުވީ، މިބާވަތުގެ ކަންކަމުގައި އެ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.މިއަދު ފެއްޓެވި ޕްރޮގުރާމުގައި ބައިވެރިކުރައްވާ ފަރާތްތަކަށް ތަމްރީންތަކެއް ދެއްވާނެކަމަށާއި މިހާރު އައްޑޫ ސިޓީގައި ތަމްރީންކުރެވިފައިވާ ކޮމިޓީތައް އެކުލަވާލެވިފައިވާކަން ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ. މާދަމާ ފުވައްމުލަކުގައި ތަމްރީންތައް ފަށްޓަވާނެކަމަށާއި އަދި މިއަހަރު އިތުރު ހަތަރު އަތޮޅުގައި އެ މަސައްކަތްކޮށް ދެހާސް އަށާރަވަނަ އަހަރުގެ ކުރިން މުޅި ރާއްޖޭގައި މި ޕްރޮގްރާމު ފުރިހަމަކޮށް ނިންމަވާނެކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ.ރާއްޖޭގައި މިހާރުވެސް އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެގޮތުން އެކި ކަންކަން ކޮށް އެކި އެލަވަންސްތައްވެސް ފޯރުކޮށްދެވެމުންދާކަން ސަރުކާރުން ހާމަކުރައްވައެވެ. އެހެންނަމަވެސް އަލަށް ފެއްޓެވި ޕްރޮގުރާމަކީ، ކުރިއާ ޚިލާފަށް އަޅާލުމާއި އެހީތެރިކަން ބޭނުންވާ އެއްވެސް މީހަކު އުނިނުވެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ފެށި ޕްރޮގުރާމެއްކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ.އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ، އެ ސިޓީގެ ފުލުހުންގެ އިސްވެރިންނާއި އަދި އެ ސިޓީގައި ހިނގާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެޓަރުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.