ވިޔަފާރި

1 އޭޕްރީލްއިން ފެށިގެން ވަކި އަދަދަކުން މަތީގެ ޗެކުތައް ބަލައެއްނުގަންނާނެ


އޭޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަކި އަދަދަކަށްވުރެ މަތީގެ ޗެކުތައް ބަލައިނުގަންނާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ ޗެކުން ކުރާ މުއާމަލާތްތައް މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ނިންމާފައިވާތީއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50000 ރުފިޔާއިން މަތީގެ އަދި 3000 ޔޫއެސް ޑޮލަރުން މަތީގެ ޗެކުތައް ބަލައިނުގަންނާނެކަމަށެވެ.

ބީއެމްއެލްއިން ބުނީ މި އަދަދަށްވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލިނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ އަދި މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ބީއެމްއެލައަށް އަދި އެހެން ބޭންކްތަކަށްވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަމަށެވެ.

ބީއެމްއެލުން ވިދާޅުވީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގއަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ހިދުމަތްތަކެއްކަމަށާއި، ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތް ލިބޭނެކަމަށެވެ. މމި ގޮތަށް އެންމެ މަތީ ޢަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ ބޭންކިންގ ޚިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެކަމަށްވެސް އެބޭންކުން ވިދާޅުވިއެވެ.