ޚަބަރު

އީއައިއޭ ނުހަދައި ގޮނޑުދޮށް ހިމާޔަތްކުރުމުން ޖޫރިމަނާކޮށްފި


ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ މ.މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބީޗު ހެދުމުގެ މަސައްކަތް ޤަވާއިދާއި ޚިލާފަށް ކުރިއަށް ގެންދިޔަ މައްސަލާގައި އެ މަޝްރޫޢު ކުރިއަށްގެންދިޔަ ކުންފުނި ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މަޝްރޫޢުގެ މަސައްކަތްތައް ޤަވާއިދާއި ޚިލާފަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިއުމާއި ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލާފައިވާކަމަށެވެ. އީޕީއޭއިން ވިދާޅުވީ، މ.މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބީޗު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ، ތިމާވެއްޓަށް ލިބޭ ގެއްލުން ބަޔާންކުރާ ރިޕޯޓު ނުވަތަ އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާއި ނުލާކަމަށެވެ. އެހެންކަމުން އެ މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މ.މަޑިފުށީ ރިސޯޓަކީ މިއަހަރުގެ ޖެނުއަރީ މަހު ހުޅުވި ރިސޯޓެކެވެ.

އީޕީއޭއިން ވިދާޅުވީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކުރީ، ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި ކޮށްފައިވާ މަސައްކަތްތަކަށް ވާތީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުންކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ. އަދި މިއީ އެކުންފުނިން މިފަދަ ކުށެއްކުރި ފުރަތަމަ ފަހަރުކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ. އެ އެޖެންސީން ވިދާޅުވީ، ޖޫރިމަނާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެކުންފުންޏަށް އަންގާފައިވާކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނު ބުނާގޮތުން ތިމާވެއްޓާއި ގުޅުންހުރި މަސައްކަތެއް ނަމަ، އީޕީއޭއިން ހުއްދަނަގަންޖެހެއެވެ.

އީއައިއޭ ނުހަދައި މ.މަޑިފުށީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބީޗު ހެދުން ކުރިއަށް ގެންދިޔަ މައްސަލާގައި ޖޫރިމަނާކޮށްފައިވާއިރު، ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ހެދުމެއްނެތި ރިސޯޓެއްގައި ބަނދަރެއް ތަރައްޤީކުރި މައްސަލައެއްގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28މިލިއަނަށްވުރެ ބޮޑު ޢަދަދަކުން މިދިޔަ މަހު ޖޫރިމަނާކޮށްފައިވެއެވެ.