ޚަބަރު

ދަނޑުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ބަލަނީ


އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގެ ތެރެއިން އިއްޔެ ހަވީރު ގަލޮޅުދަނޑުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން، އެ މައްސަލަ ބަލާ ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގެ ތެރެއިން އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކަލާފާނު ސްކޫލާއި، ކ. ގުރައިދޫ ސްކޫލެވެ. މެޗަށްފަހު ގުރައިދޫ ސްކޫލުގެ ޓީމުގެ އޮފިޝަލުންނާއި ސަޕޯޓަރުން ރެފްރީއަށް ހަމަލާދީ، މާރާމާރީ ހިންގާފައިވެއެވެ.

ފުލުހުން ވިދާޅުވީ، ގަލޮޅުދަނޑުގައި އިއްޔެ ހިނގި ހަމަނުޖެހުމުގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި މިކަން އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރ މަޚްލޫފް ވިދާޅުވީ، އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފް.އޭ.އެމްއިން ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެކަމަށްވެސް މިނިސްޓަރ މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

ގަލޮޅުދަނޑުގައި ހިނގި މި ހަމަނުޖެހުން އެޑިއުކޭޝަން މިނިސްޓްރީއާއި، އެފް.އޭ.އެމްއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ މިފަދަ މުބާރާތެއްގެ ތެރެއިން ފެނިގެންވާނެ މަންޒަރެއްނޫންކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ބަލާނެކަމަށް ބުނެފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން، ރެފްރީގެ ބައެއް ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ގުރައިދޫ ސްކޫލު ޓީމުގެ ބައެއް ކުޅުންތެރިންނާއި ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި، ސަޕޯޓަރުންގެ ތެރެއިން ބަޔަކު އެ ރެފްރީއާ ދިމާކޮށް، މާރާމާރީ ހިންގާ ފަހަތުން ދުވާ މަންޒަރު ފެނިފައިވެއެވެ. އަދި އެކަން ހުއްޓުވަން އާއްމުންގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ތަންވެސް ފެނިގެންދެއެވެ.

އިންޓަރ ސްކޫލް މުބާރާތެއްގެ ތެރެއިން ސްކޫލް ކުދިންތަކެއްގެ ކުރިމަތީ އާއްމު އިޖްތިމާޢީ މިންގަނޑާ ޚިލާފު މިފަދަ ކަމެއް އަމަލެއް ހިންގާފައިވާތީ، ގިނަ އަދަދެއްގެ އާއްމުންވެސް އަންނަނީ ސޯޝަލް މީޑިއާގައި މިކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ.