ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލަ ނުބަލަން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނގޭކަމަށެވެ. އަދި އެ ޤަޟިއްޔާގައި އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާ ޢަމަލުކޮށްފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޚިލާފަށް ކަމަށް ބެލެވެންނެތްކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.
އިސް މެޖިސްޓްރޭޓުގެ މައްސަލަ ނުބަލަން ނިންމާފައިވަނީ މިދިޔަ މަހުގެ 29ގައިކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ޖޭއެސްސީން އިސް މެޖިސްޓްރޭޓު ފަތުހުﷲގެ މައްސަލައެއް ބަލަން ފެށީ، ގުރައިދޫ ކޯޓަށް ހުށައެޅި މައްސަލައެއް ބެލުމުގައި ފަރުވާ ކުޑަކޮށްފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށައެޅި ޝަކުވާއަކާއި ގުޅިގެންނެވެ.
ފަތުހުﷲގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.