ޚަބަރު

"ބީވީމާ" އާއެކު ސިނަމާއަށް އޮތް ލޯތްބާއި ފޯރި އަނެއްކާވެސް ފެށިއްޖެ

ދިވެހި ފިލްމް "ބީވީމާ"ގެ ފުރަތަމަ ޝޯވއަށް ޢާއްމުންގެ ބޮޑު ތަރުޚީބެއް ލިބިއްޖެއެވެ. ޕްރިމިއަރ ޝޯވގައި ފިލްމުގެ ތަރިންނާއި އެހާރާއި މިހާރުގެ ދިވެހި ފިލްމް އިންޑަސްޓްރީގެ ގިނަ ފަންނާނުންވަނީ ބައިވެރިވެފައެވެ.

އޮލިމްޕަސް މަރާމާތަށްފަހު ބޮޑު ބަދަލާއެކު ހުޅުވާ ފުރަތަމަ އެޅުވި ފިލްމަކީ ޑާކްރެއިން އެންޓަރޓައިންމަންޓްގެ "ބީވީމާ"އެވެ. އެކި ގޮތްގޮތުން ޚާއްސަ މިފިލްމަށް ޢާއްމުންގެ ބޮޑު ތަރުޚީބެއްވަނީ ލިބިގެންގޮސްފައެވެ.

ފިލްމަށް ދިޔަ ގިނަ ބަޔަކުވަނީ ގިނަ ދުވަސްތަކަކަށްފަހު ދިވެހި ސިނަމާއިން ބަލާލަން ލިބުނު މިފިލްމާއި މެދު ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ. އަދި އޮލިމްޕަހުގެ ޕްރޮޖެކްޓަރ އަދި ސައުންޑް ސިސްޓަމްތަކަށް ގެނެވުނު ބަދަލާއެކު ފިލްމު އިތުރަށް ފުރިހަމަކަމަށް ދައްކާކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

"މިފިލްމު ވަރަށް ރީތި. ތަފާތު ފިލްމެއް. ބައެއް މީހުންނަށް ފިލްމުގެ ނިމުން އެހާ ކަމުނުގޮސްފާނެ. އެކަމަކު އަޅުގަނޑު ބުނާނީ މިއީ މިފިލްމަށް ހަމައެންމެ ސަޅި އެންޑިންގއޭ." އެހެން މީހަކު ބުންޏެވެ.

"އޮލިމްޕަހުގެ އައު ސައުންޑް އިފެކްޓްސްތަކާއެކު ފިލްމު އިތުރަށް ފުރިހަމަކަމަށް ދައްކާ. އޮލިމްޕަހަށް ގެނެވިފައިވާ ބަދަލު ވަރަށް ރަނގަޅު. ވަރަށް އުފާވޭ އޮލިޕަހުގައި މިގޮތަށް މިފެންވަރުގައި ފިލްމު ބަލާލެވުމުން" ފިލްމަށް ވަތް މީހަކު ބުންޏެވެ.

މި ފިލްމު ޚާއްސަވާ އެއް ސަބަބަކީ ރާއްޖޭގެ މާޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިންގެ ދާއިރާއަށް ނުކުންނަ ފިލްމަށް "ބީވީމާ" ވެގެންދިޔުމުންނެވެ. ޕީ.އެސް.އެމް ނިއުސްއާއި ވާހަކަ ދައްކަމުން އަޝްފާ ބުނީ އަސްލު ހީކުރިވަރަށްވުރެ ފިލްމުގެ މަސައްކަތް ފަސޭހަ ކަމަށެވެ. އެއީ ފިލްމުގެ މުޅި ޓީމުން ވެދިން އެހީތެރިކަމުގެ ސަބަބުންކަން އަޝްފާ ފާހަގަކުރިއެވެ.

"އުނދަގޫވަނީ މީހަގެ ނެޗުރަލް ހުންނަ ބިހޭވިޔަރ މުޅިން އެވޮއިޑްކޮށްލާފައި، މުޅިން އެހެން މީހަކަށް ވާން މައިންޑްސެޓް ގެންނަންޖެހޭތީ ކަންނޭނގެ އަސްލު ޗެލެންޖަކީ. މި ސްޓޯރީގައި މާބޮޑަށް އަޝްފާގެ ނެޗުރަލް ބިހޭވިޔަރ ގެއްލުވާނުލާ މީގަ އިންނަ ކެރެކްޓަރ ދައްކާލެވުނު މާބޮޑު އުނދަގުލެއް ނެތި އިރާދަކުރައްވިއްޔާ ހިތްހަމަޖެހޭވަރަށް" އަޝްފާ ބުންޏެވެ.

އަޝްފާ ކުރިއަށް އޮތްތަނުގައި އިތުރު ފިލްމުތަކަކުން ފެނިދާނެތޯ ސުވާލުކުރުމުން އަޝްފާ ބުނީ "ބީވީމާ"އަށް ޢާއްމުން ބަލައިގަންނަ ގޮތަކުން ކުރިއަށް އޮތްތަނުގައި ހަމަ ފެނިގެން ހިނގައިދާނެކަމަށެވެ. އެހެންނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

ދިވެހި ގިނަ ފަންނާނުންތަކަކެއް ފެނިގެންދާ މި ފިލްމުގެ ކުރިއަށް ހުރި ބައެއް ޝޯވްތައްވެސް ވަނީ ފުލްވެފައެވެ. ޢާއްމުންގެ ތަރުޚީބަށް ބަލާ އިތުރު ޝޯވތަކެއް ގެނެސްދިނުމަށް ޑާކްރެއިން އެންޓަރޓައިންމަންޓުންވަނީ ނިންމާފައެވެ.

ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓު ކޮށްފައިވާ "ބީވީމާ" ފިލްމުގައި އަޝްފާއާއެކު ލީޑް ރޯލުން ދެން ފެނިގެންގޮސްފައިވަނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މި ދެ ތަރިންގެ ސްކޫލު ދައުރާއި ފުރާވަރުގެ ދުވަސްތައް ގެނެސްދޭނީ ޒުވާން ދެ ތަރިންކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ. ޒިދާނަކީވެސް ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވެފައިވާ މޫނެކެވެ.