ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތުގެ ރައީސަށް ތަޢުޒިޔާ ވިދާޅުވެއްޖެ


ބާރުގަދަ ބިންހެއްލުމެއްގައި ތުރުކީވިލާތުގެ އެތައް ބަޔަކު މަރުވުމާގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.


މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވި ޚަބަރު ލިބުމުން ހިތާމަކުރައްވާކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީއާއި ތަޢުޒިޔާ ދަންނަވާފައިވެއެވެ. ރައީސްގެ ޓުވީޓުގައި މި ހިތާމެވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައިކަން ފާހަގަކުރެއްވިއެވެ.


ތުރުކީވިލާތުގެ ރަށެއް ކަމުގައިވާ ގައިއެންޓެޕް ކައިރިއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ސައިޕްރަސްއާއި ލުބުނާނަށް ވެސް ކޮށްފައިވެއެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ.

މި ބިންހެލުމާ ގުޅިގެން ތުރުކީވިލާތާއި ސޫރިޔާގެ ގިނަ ޢިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސޫރިޔާގައި މަރުވެފައިވާ މީހުންގެ ޢަދަދު 230 އަށްވުރެ މައްޗަށް އަރާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، އިތުރު 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމުގައި ވެސް އެ ޤައުމުގެ އޮފިޝަލުން ވިދާޅުއެވެ.

މި ބިންހެލުމާ ގުޅިގެން ތުރުކީވިލާތުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 76 އަށްވުރެ މައްޗަށް އަރާފައެވެ. އެ ޤައުމުގައި ވެސް 440 އަށްވުރެ ގިނަ މީހުންނަށް ބިންހެލުމާ ގުޅިގެން އަނިޔާވިއެވެ. ތުރުކީވިލާތުގައި ބިންހެލުން އައި ސަރަޙައްދުގައި މިހާރު ވަނީ ކުއްލި ހާލަތެއް އިޢުލާނުކޮށްފައެވެ. އަދި، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.