ދުނިޔޭގެ ވިޔަފާރި

ރަޝިޔާގެ ގޭސް އެތެރެކުރުން ޔޫރަޕުން މަނާކޮށްފި


ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ހެދި ހުޅަނގުން ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިއާގެ ޑިސަލާއި ސާފުކޮށްފައިވާ ތެލުގެ އެހެން އުފެއްދުންތައް ޔޫރަޕް އިއްތިހާދަށް އެތެރެކުރުން މަނާކޮށްފިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޔޫރަޕަށް ޑީސަލް އެތެރެކުރުން އާދިއްތަ ދުވަހު މަނާކޮށްފައި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު، ޖީ7 ގެ ގައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް، ޖަޕާން އަދި ކެނެޑާއިން އެއްބަސްވެފައިވާ ޑީސަލްގެ އަގު ކަނޑައެޅުމާއިވެސް އެކުގައެވެ.

މިގޮތަށް އަގު ކަނޑައެޅުމުގެ އަމާޒަކީ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން ކުރިއަށްގެންދިއުމާއި، ކުއްލިއަކަށް ތެލުގެ އަގު ބޮޑުކޮށްފިނަމަ ތެޔޮ ގަންނަ ފަރާތްތައް ލިބޭނެ ގެއްލުމުން ސަލާމަތްކުރުމެވެ.

ޑީސަލް، ޖެޓް ފިއުލް އަދި ޕެޓްރޯލް ފީފާއަކަށް 100 އެމެރިކާ ޑޮލަރު ޖީ7 އިން ކަނޑައަޅާފައިވާއިރު، މި އަގު ތަންފީޒު ކުރާނީ އިންޝުއަރެންސް އަދި ޝިޕިން ހިދުމަތްތަކަށް މި އަގަށްވުރެ މަތީ އަގެއްގައި ޑީސަލް ބެލެހެއްޓުން މަނާކޮށްގެންނެވެ.

ޔޫރަޕަށް ޑީސަލް އެތެރެކުރުން މަނާކުރުމުގެ ސަބަބުން ޑީސަލްގެ އަގުތަކާއި މެދު އެއްވެސް ޔަގީންކަމެއް ނެތެވެ.

އިންޓަރނޭޝަނަލް އެނާރޖީ އޭޖެންސީގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ ނީލް އެޓްކިންސަން އަލްޖަޒީރާ ނޫހަށް ވިދާޅުވި ގޮތުގައި ރަޝިޔާގެ އުފެއްދުންތަކަށް އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަގުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އަދި އެއީ ޔޫރަޕުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނު ކުރުމުގެ ކުރިން ކުންފުނިތަކުން ރަޝިއާގެ އުފެއްދުންތަކުގެ ސްޓޮކް ބަހައްޓާފައި ހުރުމުން ކަމަށްވެސް ނީލް ވިދާޅުވިއެވެ.

ޑީސަލްގެ އަގަށް 100 އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ވަނީ ރަޝިއާގެ ތެލަށްވެސް ހުޅަނގުން އަގު ކަނޑައަޅާފައެވެ. އެގޮތުން ތެޔޮ ފީފާއެއްގެ އަގަށް ވަނީ 60 އެމެރިކާ ޑޮލަރު ހަމަޖައްސާފައެވެ.

ޑިސެމްބަރުމަހު އެކަނިވެސް ޔޫރަޕަށް ޑީސަލް ވިއްކައިގެން ރަޝިއާއަށް ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.

ޑީސަލަކީ ކާރުތަކާއި މުދާ އުފުލާ ޓްރަކްތަކާއި ދަނޑުވެރިކަމުގެ ސާމާނާއި ފެކްޓްރީ މެޝިނަރީތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ މުހިންމު އެއްޗެކެވެ. ކޯވިޑުގެ ބަލިމަޑުކަމަށް ފަހު ޑިމާންޑު އިތުރުވުމުގެ ސަބަބުން ޑީސަލްގެ އަގު އުފުލި، ރިފައިނިން ކެޕޭސިޓީ ލިމިޓް ކުރުމުން އެހެނިހެން މުދަލުގެ އިންފްލޭޝަން މަތިވިއެވެ.

ޔޫރަޕުން ވަނީ މީގެ ކުރިން ވެސް ރަޝިޔާގެ ކޯލް އާއި ސާފުނުކުރާ ތެލުގެ ގިނަ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ.