ޚަބަރު

"ސިމްސް ކަސްޓަމަރ ޕޯޓަލް" އާއެކު ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ފަށައިފި


ޓްރާންސްޕޯޓް މިނިސްޓްރީގެ "ސިމްސް ކަސްޓަމަރ ޕޯޓަލް" އާއެކު ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ތަޢާރަފުކުރި މިޕޯޓަލްއަކީ އެވުޒާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާއްމުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް އިފްތިތާޙުކުރި ޕޯޓަލްއެވެ.

މިޕޯޓަލްގެ ތެރެއިން ދޭން ފެށި ފުރަތަމަ ޚިދުމަތަކީ ޑިޖިޓަލް ލައިސަންސްގެ ޚިދުމަތެވެ. މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

"ސިމްސް ކަސްޓަމަރ ޕޯޓަލް" ބޭނުންކުރެވޭނީ ދަޢުލަތުގެ އީފާސް ނިޒާމުގެ ތެރެއިންނެވެ. އިފާސް ލޮގިންއާއިއެކު މިޕޯޓަލްއަށް ވަނުމުން، ލައިސަންސް އޮންނަ މީހެއް ނަމަ ޑިޖިޓަލް ލައިސަންސް މިހާރު ބަލާލެވޭނެއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މި ލައިސަންސް، މިހާރު ފުލުހުންގެ ޕޯޓަލްއިންވެސް ބަލާލެވޭނެކަމަށެވެ.

"މިފެށީ އާ ސޮފްޓްވެއަރއެއް ހަދާ ލައިސަންސް ޑިޖިޓަލައިޒްކުރުން. ކުރިއަށް އޮތްތާނގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރާނަން. މިހާރު ޑިޖިޓަލް ލައިސަންސް ޕޮލިސް ޕޯޓަލްއިން ފެންނާނެ." ނަހުލާ ވިދާޅުވިއެވެ.

ޑިޖިޓަލް ލައިސަސްގެ އިތުރުން، ޕޯޓަލްއަށް ލޮގިން ވުމުން ލައިސަންސާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެއެވެ. އެގޮތުން ލައިސަން ނެގުމަށް ހުށައެޅުމާއި އަދި ޕްރޮސެސްވަމުންދާ ފޯމުތައްވެސް ފެންނާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ ކުރިއަށް އޮތްތާންގައި އެ މިނިސްޓްރީގެ މައިގަނޑު 7 ޚިދުމަތެއް ސިމްސް ޕޯޓަލްގެ ތެރެއިން ލިބޭގޮތް ހަދާނެކަމަށެވެ. ސިމްސް އަށް ލޮގިން ވެވޭނީ sims.transport.gov.mv އެވެ.

ޑިޖިޓަލް ލައިސަންސާއެކު އުޅަނދު ދުއްވާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެގޮތުން ލައިސަންސް ކާޑު ގެއްލުމާއި އަދި އަބަދުވެސް އަތުގައި ގެންގުޅެންޖެހޭ ޖެހުމަށް ލުޔެއް ލިބި، ބަރޯސާވެވޭ ޚިދުމަތަކަށް ޑިޖިޓަލް ލައިސަންސް ޚިދުމަތް ވާނެއެވެ.