ޚަބަރު

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް މުއްދަތު އިތުރުކޮށްފި


ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިިާ އިޢުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށައެޅުމަށް މިއަދުގެ ނިޔަލަށްކުރިން ހުޅުވާލާފައެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހުގެ 21އާއި ހަމައަށް އިތުރުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވީ ފުވައްމުލައް ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ގެ ކުރިން ބަނޑޭރި ޕޭ  މެދުވެރި ކޮށެވެ. މި މަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/2,100,000ރ (ދެމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. މީގެއިތުރުން ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

ފުވައްމުލަކުގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން އިއުލާންކޮށްފައިވެއެވެ. އެ މަޝްރޫޢުގެ ދަށުން 400 ހައުސިންގ ޔުނިޓް އެޅުމަށް ބިޑަށް ހުޅުވާލާފައިވާއިރު، އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިގޮތުން މީގެ ކުރީ ސަރުކާރުން އެރަށުގައި އަޅާފައިވާ ފްލެޓްތަކުންވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދެއެވެ.

ސަރުކާރުން ގެންދަނީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހުރި ގިނަ ރަށްތަކުގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި ފްލެޓް ނުވަތަ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން ސަރުކާރުން އަންނަނީ އެރަށުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުފަދަ ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.