ޚަބަރު

ސަބްމެރިން ކޭބަލް ޖޫންމަހު ރާއްޖެއަށް؛ ޚިދުމަތް ފަށަނީ ސެޕްޓެމްބަރުމަހު


ސަރުކާރުން ޤާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ކުރިއަށް އޮތް 5 މަސްދުވަހުގެތެރޭގައި ރާއްޖެއަށް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދުރު ރާސްތާގައި އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދެއްވާކަމެކެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއަކީ ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" ގެ މަޝްރޫޢުއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރެވޭ މުޢާމަލާތަކާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ ކުރިއަށް އޮތް ތަނުގައި މުހިންމުވާނެ ބަދަލެއްކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއިއެކު އޭގެ ސްޕީޑް އިތުރަށް ތަރައްޤީވާން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ޝާމިލްވާ އައު ސަބްމެރިންކޭބަލްއާއެކު އިންޓަރނެޓްގެ ސްޕީޑަށް އިތުރު ފަހިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރު ޝާމިލްވާ އާ ސަބްމެރިންކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށްއޮތް 5 މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ." ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަބްމެރިން ކޭބަލްގެ މިމަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އިންޓަރނެޓުގެ އަގު ހެޔޮވެ، އިންޓަރނެޓްގެ ސްޕީޑަށް އިންޤިލާބީ ބަދަލެއް ގެނުވާނެކަމަށެވެ. އަދި މިމަޝްރޫޢު ވެގެންދާނީ އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތަށް ދުނިޔޭގެ މަރކެޓްތަކާއި ގުޅުވައިދޭނެ ވަޞީލަތެއްކަމުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސްއިން ރިލަޔަންސް ޖިއޯ ކުންފުންޏާއިއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މިކޭބަލްގެ ސަބަބުން މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ސަރުކާރުން ޤާއިމްކުރާ ސަބްމެރިން ކޭބަލްގެ އިތުރުން، ދިރާގާއި އުރީދޫ މޯލްޑިވްސްއިން ދަނީ ސްރީލަންކާއާ ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތްކުރަމުންނެވެ. މި ޕްރޮޖެކްޓްގެ 45 އިންސައްތަ ދިރާގުން ހިއްސާކުރާއިރު 45 އިންސައްތަ އުރީދޫ އަދި 10 އިންސައްތަ ހިއްސާކުރާނީ ޑައަލޮގް އެޒިއޭޓާއިންނެވެ.

މި ޕްރޮޖެކްޓަށް ދިރާގުން 8.4 މިލިއަން ޑޮލަރު ޚަރަދުކުރެއެވެ. އަދި އުރީދޫއިން 9 މިލިއަން ޑޮލަރު މިޕްރޮޖެކްޓަށް ޚަރަދުކުރާނެއެވެ.