ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ޖޫންމަހު ބޮޑުކުރަނީ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫންމަހުން ފެށިގެން ބޮޑު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ އެލަވަންސް ބޮޑުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލާ ނިންމާފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ރާއްޖޭގެ އާބާދީގައި ތިބި ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ވަނީ ނިންމަވާފައެވެ. މިކަން ކުރުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނެކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފްތާތެރޭ ހުޅުމާލޭގާ ހުޅުވާނެކަމަށް ރައީސްވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަދަ އަމާންވެށީގެ 7 މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާކަމަށެވެ.

" ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅިރާއްޖެއަށް ބޭނުންވާ އިޖްތިމާޢީ ހަރަކާތްތެރިންގެ ވޯރކްފޯސްގެ މުހިންމުކަން ބޮޑު 19 އަތޮޅުގައިވާ ފެމެލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ތަކަކީ މިކަމަށް ޚާއްޞަ މަރުކަޒުތައް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފައި" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލަފައެވެ. މި ދަފްތަރުގައި 10000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މިކަމަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީތެރިކަމުގެ ނިޒާމު ހަރުދަނާކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށްގެން އެހީދިނުމަށް ފެއްޓެވި މަސައްކަތެވެ.

މި ދަފްތަރުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ހުރި ނުކުޅެދުންތެރިކަމާއި ގުޅިގެން އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިބަމަ އަދި އެފް.ސީ.އެސް.ސީ ފަދަ ދައުލަތުގެ އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް ދޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ.

އެންސްޕާއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީއަށް ދެން އެދެވޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ" ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ކަނޑައަޅާފައެވެ.