ޚަބަރު

ޅ.އަތޮޅުން ޑަޔަލިސިސްގެ ޚިދުމަތް، މާލޭގައި ތިބި އާއިލާތައް އެނބުރި ރަށަށް


ރާއްޖޭގެ ސިއްޙީ ނިޒާމު ބައްޓަން ކުރެވިފައި އޮތްގޮތުން ސިއްޙީ ބޮޑެތި ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހުމަކީ އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުމެވެ. ޚާއްސަކޮށް ދާއިމީ އެކިއެކި ސިއްޙީ މައްސަލަތައް ހުންނަ މީހުންނާއި އަވަސް އަވަހަށް ފަރުވާގެ ކަންކަން ކުރަން ޖެހޭ މީހުން، ބޭސްފަރުވާއަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް މާލެ ހިޖުރަކުރުމަށް މަޖުބޫރުވެއެވެ.

ޅ.އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވާއިރު، މިއީ އެ ސަރަޙައްދުގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ. ކިޑްނީގެ ބަލީގެ މީހުންގެ ޑަޔަލިސިސް ފަރުވާއަކީ ގަވައިދުން ހޯދަންޖެހޭ ފަރުވާއެކެވެ. ހަށިގަނޑުގެ ލޭ ސާފުކުރުމަށް ގަވާއިދުން ޑަޔަލިސިސް ހަދަންޖެހޭ މީހުން ހަފްތާއަކު 2 ނުވަތަ 3 ފަހަރު ޚިދުމަތް ހޯދަން ޖެހެއެވެ.

އާއިލާތަކުން ކުރާ ހިތްދަތި ތަޖުރިބާއާއެކު، މާލެއަށް ދަތުރުކުރުމާއި ހުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، މާލީ ދަތިކާވެސް އާއިލާތަކުން ކުރިމަތިލާންޖެހެއެވެ.

ޅ.އަތޮޅަށް ބަލާއިރު ޑަޔަލިސިސް ޚިދުމަތް ބޭނުންވާ 11 މީހުން އެބަތިއްބެވެ. މި އެންމެންވެސް މިވަގުތު ދިރިއުޅެނީ މާލޭގައެވެ. މިއިން ކޮންމެ އާއިލާއެއް މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހުނީ ސިއްޙީ ޚިދުމަތަށެވެ.

ޅ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުން އަތޮޅުގައި ޚިދުމަތް ފެށުމާއެކު މީގެތެރެއިން 3 އާއިލާ ރަށަށް ބަދަލުވާނެއެވެ. އަދި ދެން ތިބި އާއިލާތަށްވެސް މިއަހަރުގެ ތެރޭގައި އަމިއްލަ ރަށަށް ބަދަލުވާނެކަމުގެ އުއްމީދު ބޮޑެވެ.

ޅ.އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށާފައި މިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމާއެކުގައެވެ. އެގޮތުން ޑަޔަލަސިސް ޔުނިޓް ޤާއިމުކޮށް، އެތަނަށް ބޭނުންވާ ސާމާނު ވަނީ ހޯދާފައެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންނަށް މިކަމާއި ގުޅޭ ތަމްރީންތައް ވަނީ ދީފައެވެ. ފުރިހަމަ ޑަޔަލިސިސް ޔުނިޓާއެކު، އެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް މިވަނީ މި ޚިދުމަތް ފޭޝަންޓަށް ފޯރުކޮށްދީފައެވެ.

ޑަޔަލިސިސްގެ މި ޚިދުމަތަކީ ކިޑްނީގެ ބޮޑެތި ބަލިތަކުގައި އެންމެ މުހިންމު ޚިދުމަތެވެ. ޅ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ މި ޔުނިޓްގައި އެއްފަހަރާ 3 ޕޭޝަންޓުންނަށް ޑައިލިސިސްގެ ޚިދުމަތް ދެވޭނެއެވެ. އެގޮތުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރު ޤާއިމުކުރުމަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އިޖްތިމާއީ ޒިންމާގެ ދަށުން ޚަރަދުކޮށްފައިވާއިރު އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، ކުރިމަގުގައިވެސް އެ ކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ޚިދުމަތާއެކު ސަރުކާރުން ސިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމަށް ކުރާ މަސައްކަތްތަށް ބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ.