ޚަބަރު

ލައިސަންސް ކާޑު ނެތަސް ކަންބޮޑުވާނެކަމެއް ނެތް، މިހާރު ފޯނުން ލައިސަންސް ދައްކާލެވޭނެ


އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޑިޖިޓަލްކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފިއެވެ. މި މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަތް ތަޢާރަފް ކުރި ޚިދުމަތެކެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، އުޅަނދު ދުއްވާ ކޮންމެ ވަގުތަކުވެސް، އެ އުޅަނދެއް ދުވާ މީހެއްގެ އަތުގައި ލައިސަންސް އޮންނަންޖެހެއެވެ. އެހެންނަމަވެސް ބައެއް ފަހަރު ލައިސަން ނުލާ ބޭރަށް ނިކުމެވޭފަހަރުވެސް އާދެއެވެ. އެގޮތުން ކުޅިވަރު ކުޅެން، މޫދައް އެރެން ނުވަތަ ކަސްރަތު ކުރުން ނިކުންނައިރު ލައިސަން ކާޑު ގިނަ ފަހަރު ނުގެންދެވެއެވެ. އެއީ ގިނަ މީހުން ލައިސަންސް ކާޑު ގެންގުޅެނީ ވޮލެޓުގައި ކަމަށްވާތީއެވެ.

ލައިސަންސް ކާޑު އަތުގައި ނެތުމުގެ ސަބަބުން ޖޫރިމަނާ ކުރާފަހަރުވެސް އާދެއެވެ. މިއީ އާންމުންގެ ޝަކުވާވެސް ބޮޑު މައްސަލައެކެވެ. އެހެންކަމުން ސައިކަލުގެ މަޑިދަށުގައި ނުވަތަ ކާރުގައި ވޮލެޓު ނުވަތަ ލައިސަންސް ކާޑު ބައެއް މީހުން ބާއްވައެވެ. އެހެންނަމަވެސް އެއީ އެންމެ ރައްކާތެރި ގޮތެއްވެސް ނޫނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލަށް ތައާރަފް ކުރި ޑިޖިޓަލް ލައިސަންސް އާއެކު ޢާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ތިމާގެ އަތުގައި ސްމާޓް ފޯން އޮތްނަމަ ފަސޭހަކަމާއެކު ލައިސަންސް ބަލާލެވޭނެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލަށް ތައާރަފް ކުރި ޑިޖިޓަލް ލައިސެންސާއެކު ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ ޑިޖިޓަލް ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީވެސް ޞައްޙަ ލައިސެންސް ކަމުގައި ފުލުހުންވެސް ބަލައިގަންނާނެއެވެ. އެހެން ކަމުން ލައިސަންސް ކާޑު އަތުގައި ނެތަސް ދެން ކަންބޮޑުވާނެ ކަމެއްނެތެވެ. ކަސްރަތަށް، މުދަށް ނުވަތަ ކުޅިވަރު ކުޅެން ދާއިރު ފޯނު އޮތްނަމަ، ލައިސަންސް ކާޑު ނުގެންދިޔައަސް ދެން އެންމެ ރަނގަޅުވާނެއެވެ.

ރައްޔިތުއްނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮއްދިނުމުގެ ބޭނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ތައާރަފް ކުރި ޑިޖިޓަލް ލައިސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާބެހޭ ޚިދުމަތް ރޯލްއަޓް ކުރުމަށާއި، ޑޭޓާ މައިގްރޭޝަންގެ މަސައްކަތްތައް ކުރުމަށް ކުރެވިގެން ދިޔަ މަސައްކަތެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރު އޮފީސްތަކުން ޚިދުމަތް ލިބިގަތުމަށް ގިނަ ވަގުތުތަކެއް ބޮޑެތި ކިއުތަކުގައި އާއްމުން ހޭދަކުރަން ޖެހޭ ޖެހުމަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. ނަމަވެސް މިކަން ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މި ގޮތުން ރައްޔިތުންގެ ޝަކުވާއަތް ނިމުމެއްގެނެސް ރައްޔިތުއްނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮއްދިނުމަށް ރާއްޖެއަކީ ޑިޖިޓަލް ތަނަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުމިވަނީ ޑިޖިޓަލް ލައިލަސަންސްވެސް ތައާރަފް ކުރެވިފައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި، ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި، ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.