ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދު ހީނަރުވުމުގެ ބިރުއޮތަސް، އެމެރިކާގައި ވަޒީފާތައް އިތުރުވެއްޖެ


އެމެރިކާގެ އިޤްތިޞާދު ދަށަށްދާނެކަމަށް ބެލެވުނަސް މިދިޔަމަހު އެ ޤައުމުގައި ވަޒީފާތައް އިތުރުވެފައިވާކަމަށް އެ ގައުމުގެ ލޭބާ ޑިޕާޓްމަންޓުން ބުނެފިއެވެ.

އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން މައުލޫމާތުދޭ ގޮތުގައި މިދިޔަ މަހު އެމެރިކާގެ ވަޒީފާގެ ބާޒާރަށް ވަނީ 517000 ވަޒީފާ އިތުރުވެފައެވެ. މިއާއެކު އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 1969 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވަނީ 3.4 އިންސައްތައަށް ދަށްވެފައެވެ.

ވަޒީފާތައް އިތުރުވި ނަމަވެސް ތަކެތީގެ އަގު އުފުލާއި އިންޓްރަސްޓް ރޭޓްތައް މައްޗަށްދާތީ، ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ދިމާވެގެން އުޅޭ މައްސަލައެއް ހޯދުމަށް ތަޖުރިބާކާރުން ވަނީ ނުކުޅެދިފައެވެ.

އާންމުން ހަރަދު ކުރާ މިންވަރު ދަށްވެ، އުފެއްދުންތެރިކަންވެސް ދަށަށްގޮސްފައިވާތީ، ދިރާސާ ކުރާ ގިނަ ފަރާތްތަކުން ވަނީ މިއަހަރު އެމެރިކާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައެވެ.

ރިސާރޗް ކުންފުނި މޯނިން ކޮންސަލްޓުން ދާދި ފަހުން އާއްމުކުރި ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވާކަމަށް އެ ޤައުމުގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ޤަބޫލުކުރެއެވެ.

މި ހުރިހާ ގޮންޖެހުންތަކެއް ހުރިއިރުވެސް، އެމެރިކާގައި ވަޒީފާތައް އިތުރުވެފައިވާތީ، އިގްތިސާދީ މާހިރުންވެސް ވަނީ ހައިރާންވެފައެވެ. ނަމަވެސް އެންމެ މަހެއްގެ ހިސާބުތަކަށް ބަލައިގެން ކަންކަން ނުނިންމުމަށް މޫޑީސްގެ އެނަލިޓިކްސްގެ ޑިރެކްޓަރު ޑާންޓޭ ޑިއެންޓޯނިއޯ ވަނީ ވިދާޅުވެފައެވެ.

އޭނާ ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އެމެރިކާގައި ވަޒީފާތައް އުފެދޭ ނިސްބަތް ދަށަށްދާނެއެވެ. އަދި ރިސެޝަނަކަށް ދިއުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.

މި ރިޕޯޓަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އޭނާގެ ވާދަވެރިން އިގްތިސާދާއި ގުޅޭގޮތުން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ތަފާސް ހިސާބުތަކުން ހާމަވާކަމަށެވެ.

"ފާއިތުވި ދެ އަހަރު އަހަރެމެންނަށް އަޑުއިވިފައި އޮތީ އަހަރެންގެ އިގްތިސާދީ ޕްލޭނަށް ފާޑުކިޔާ އަޑު. މިއަދުގެ ޑޭޓާއިން އެ ފާޑުކިޔުންތައް ގޯސްކަން ސާބިތުވޭ"." ބައިޑަން ވިދާޅުވިއެވެ.

ޖެނުއަރީ މަހު ރެސްޓޯރެންޓުތަކުގެ ވަޒީފާތަކަށް މީހުން ނެގުން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔައިރު، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެ ދާއިރާއަށް ލިބުނު ގެއްލުން ސިނާއަތް އަންނަނީ މަޑުމަޑުން އަރައިގަންނަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ވަޒީފާތައް މަދުވެފައިވާ ދެ ދާއިރާއަކީ ކާރު އުފެއްދުމާއި ޓެކް އިންޑަސްޓްރީއެވެ. ޖެނުއަރީމަހު ވަޒީފާތައް އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކާއިރު، އެމެރިކާގައި ވަޒީފާތަކަށް ދޭ އުޖޫރުވެސް އިތުރުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.