ޚަބަރު

1600އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބިޔަ ކުރޫޒްލައިނަރއެއް މާލެއަށް!


1620 ފަތުރުވެރިންނާއިއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ.

މިއީ މިއަހަރު މާލެއަށް ބަނދަރުކުރި 2 ވަނަ ކްރޫޒްލައިނާއެވެ.

އިޓަލީގެ ކްރޫޒްލައިނާއެއްކަމަށްވާ "ކޮސްޓަރ ޑެލިޒިއޯސާ" މާލެއަށް ބަނދަރުކޮށްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިއެވެ. ކޮސްޓަރ ޑެލިޒިއޯސާ އަކީ އެކުންފުނީގެ 5 ވަނައަށް އެންމެ ބޮޑު އުޅަނދެވެ. މިއީ 92720 ޓަނުގެ ކްރޫޒްލައިނާއެކެވެ. ދިގުމިނުގައި 294 މީޓަރު ހުރެއެވެ. އަދި މިއީ ގާތްގަނޑަކަށް 670 މިލިއަން ޑޮލަރުގެ އަގުހުރި ކްރޫޒްލައިނާއެކެވެ.

މިކްރީޒްލައިނާއަކީ 3000 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިކްރޫޒްލައިނާއިން 1620 ފަތުރުވެރިން މާލެއަށް އައިސްފައިވާއިރު، އެ މީހުންނާއެކު 800 ކްރޫ ނުވަތަ ފަޅުވެރިންވެސް މިކްރޫޒްލައިނާއިން ރާއްޖެއައިސްފައިވެއެވެ.

މިކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ އެލައަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނިީ، އޭ.އެމް.އެސް.ސީގެ އެޖެންޓުކަމުގެ ދަށުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އޭ.އެމް.އެސް.ސީގެ ޑިރެކްޓަރ އަޒުމިލް އަހްމަދު ވިދާޅުވީ، 1620 ފަތުރުވެރިންނާއެކު މިކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ އިންޑިއާއިންކަމަށެވެ. އަދި އޭގެ ތެރޭގައި އެކި ޤައުމުތަކުގެ ފަތުރުވެރިން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ކްރޫޒްލައިނާއިން އައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރިސޯޓްތަކަށް ގޮސްފައެވެ. އަދި އަނެއްބައި ފަތުރުވެރިން މާލޭގެ އެކި ތަންތަން ބަލާލުމަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަޒުމިލް ވިދާޅުވީ މިކްރޫޒްލައިނާ މާލޭގައި މަޑުކުރަން ހަމަޖެހިފައިވަނީ 2 ދުވަހުކަމަށެވެ.

1620 ފަތުރުވެރިންނާއިއެކު ބޮޑު ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވާއިިރު މިދިޔަ މަހުވެސް ވަނީ 1000 އަށްވުރެ ގިނަ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް މާލެއަށް ބަނދަރުކޮށްފައިއެވެ. މިއީ ޖަރުމަނުގެ ކްރޫޒް ލައިނާއެއް ކަމަށްވާ "އެމްއެސް އާރްޓާނިއާ" އެވެ. މިކްރޫޒްލައިނާ ވަނީ އައްޑޫ ސިޓީއަށްވެސް ދަތުރުކޮށްފައިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފައިވަނީ 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކްރޫޒްލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާތަކެއްކަމަށް މާޔާއިން ފާހަގަކުރެއެވެ. އެގޮތުން، 2826 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއަކާއި 2050 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނާއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނާވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

މިދުވަސްވަރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ކަނޑުގެ މަގުންނާއި ވައިގެ މަގުން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. ޓުރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު ޖަނަވަރީމަހު ރާއްޖެއަށް 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

މި ޢަދަދަކީ މިދިޔަ އަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 131762 (އެއް ލައްކަ ތިރީސް އެއް ހާސް ހަތް ސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 151552 (އެއް ލައްކަ ފަންސާސް އެއް ހާސް ފަސް ސަތޭކަ ފަންސާސް ދޭއް) ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.