ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ސްރީލަންކާގެ 75 ވަަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ކުރެއްވި ޓްވީޓުގައި ވަނީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގައި ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށެވެ.

ސްރީލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތައް އެ ޤައުމުގައި ކުރިއަށްދާއިރު މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިމަހުގެ 2 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ޝާހިދު ބައްދަލުކުރައްވާނެއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ލަންކާގައި އުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާނެއެވެ.