ޚަބަރު

ވެލާތަކެއް މަރާލި ބަޔަކު ބ.އަތޮޅުން އަތުލައިގެންފި


ބ.އަތޮޅުގައި އޮންނަ ކެޔޮދޫ ކިޔާ ފަޅު ރަށެއްގައި ވެލާތަކެއް ހިފައި، އެ އެއްޗެހި މަރާލި އަތުލައިގެންފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އާ ގުޅިގެން ހިންގި މި އޮޕަރޭޝަން ގައި އަތުލައިގަތީ ބ.އަތޮޅު ރަށަކަށް ނިސްބަތްވާ ބައެއްކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަމުގައި 12 ވަރަކަށް މީހުން އުޅުނުކަމަށް ފުލުހުންނާ ހަވާލާދީ ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނެއެވެ.

ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނި ގޮތުން އެރަށަށް ދިޔައިރު ވެލާތައް މަރާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތްކަމަށެވެ. މިހުރިހާ ވެލައެއްވެސް އޮތީ މަރާލައި އޭގެ މަސްތަކާ ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅާފައެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރިކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އާންމުކޮށް މި ބޭނުންކުރާ ފުޅިމަދު ފޮށިގަނޑުގެ ހަ ފޮށިގަނޑުގައި ވެލާގެ އެކި އެކި ބާވަތްތައް އަޅާފައި ހުއްޓެވެ. އަދި ދެ ހަންބުރީ ގައިވެސް އޭގެ ސާމާނު ހުރިތަން ފޮޓޯއިން ފެނެއެވެ. މީގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނާއި ވެލާ ފެޅުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅިތައްވެސް ހުއްޓެވެ.

ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނީ މީ މިހާތަނަށް ބ.އަތޮޅުން މިފަދަކަމެއް ކުރަމުން ދަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ.

މިމައްސަލަ އަންނަނީ ފުލުހުން އިތުރަށް ތަހުޤީގު ކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަމުގައި އުޅުނު އެންމެންނަށްވެސް ވެލާ ކަހަނބު ހިފާ އެއަށް އަނިޔާދިނުމުން ބޮޑު އަދަދަކުން ޖޫރިމަނާއެއް އަންނާނެއެވެ.


ދިވެހިރާއްޖޭގެ ވެލާ ކަހަނބަކީ ނެތިދިޔުމުގެ ނުރައްކަލުގައިވާ ދިރުމެއްކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާސް (އައި.ޔޫ.ސީ.އެން(އިން ކަނޑައަޅާފައިވާ ދިރުމެކެވެ. ވެލާކަހަނބު ޙިމާޔަތްކޮށްފައިވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާއިދު" އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެދަށުންނެވެ.

އެގޮތުން ވެލާ ބިސް ވިއްކުން 1996ވަނަ އަހަރު ވަނީ މަނާކޮށްފައެވެ. އަދި 2006ވަނަ އަހަރު ވެލާކަހަނބު އެންމެ ގިނައިން ބިސްއަޅާކަމަށް ފާހަގަކުރެވިފައިވާ 14 ރަށަކުން ބިސްނެގުން ޤާނޫނީގޮތުން މަނާކުރިއެވެ. އަދި 2016 ވަނައަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ފުރިހަމައަށް ހިމާޔަތްކުރިއެވެ.