ތަޢުލީމު

މާލެއާއި އަތޮޅުތަކުގައި މާދަރީބަހުގެ ދުވަސް ފާހަގަކޮށްފި


ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މާދަރީބަހުގެ ދުވަސް މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރައްވައިފިއެވެ. މާދަރީބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ވަނީ ޚާއްޞަ އެސެންބްލީތައް ބާއްވަވާފައެވެ. އަދި މިދުވަހާ ގުޅުވައިގެން ދިވެހިބަހާއި ދިވެހިޘަޤާފަތުގެ މުއްސަނދިކަން ދައްކުވައިދޭ ޚާއްޞަ ތަފާތު އެތައް ޙަރަކާތްތަކެސް ސްކޫލްތަކުން ކުރިޔަށްގެންގޮސްފައިވެއެވެ. ދިވެހިންގެ މާދަރީ ބަހަށް ލޯބިޖެއްސުމުގެ މަޤްޝަދުގައި ދުވަހާ ގުޅުވައިގެން ސްކޫލްތަކުގައި ކުރިޔަށްގެންދިޔަ ޙަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. މި ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާވެ، ދަރިވަރުން މިހާރަށްވުރެ ދިވެހި ބަހަށް ހެލުންތެރިވާނެކަމަށް ސްކޫލުތަކުން ފާހަގަކުރިއެވެ. ސްކޫލްތަކުން ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގައި ދަރިވަރުންވެސް ބައިވެރިވީ ވަރަށް ޝައުގުވެރިކަމާއެކުއެވެ. އަދި މިޙަރަކާތްތަކުގައި ދިވެހިބަހާ ދިވެހި ޘަޤާފަތާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބުނުކަން މިޙަރަކާތްތަކުގައި ބައިވެރިވި ދަރިވަރުން ފާހަގަކުރިއެވެ.މާދަރީބަހުގެ ދުވަހުގެ ޙަރަކާތްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ސްކޫލްތަކުގައިވެސް ވަނީ ހިންގާފައެވެ. ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ކުރިޔަށް ގެންދަވާފައިވާއިރު، މާދަރީބަހުގެ ދުވަހުގެ ޙަރަކާތްތައް ސްކޫލްތަކާ ގުޅިގެން ޤައުމީ ފެންވަރެއްގައި މިމަހުގެ ތޭވީސްވަނަ ދުވަހުގެ ރޭ ހިންގެވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގެ ކޮންމެވެސް އެއް ރަށެއްގައިވެސް މިޙަރަކާތްތައް ޤައުމީ ފެންވަރުގައި ހިންގެވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވިއެވެ.