ދުނިޔޭގެ ވިޔަފާރި

ހަކަތަ އުފައްދާ ކުންފުނި ޝެލް އަށް ފައިދާ ވެއްޖެ


ތެލާއި ގޭހުގެ އަގު އުފުލުމުގެ ސަބަބުން އެމެރިކާގެ ހަކަތަ އުފައްދާ ކުންފުނި ޝެލް އަށް މިދިޔަ އަހަރު 42.3 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރަޝިއާ ޔުކެރެއިން ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލުމުން ޝެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާ އަކީ އޭގެ ކުރީ އަހަރު ލިބުނު ފައިދާއަށްވުރެ ދެ ގުނަ އިތުރު ފައިދާއެއް ކަމަށް ޝެލްގެ އާމްދަނީ ރިޕޯޓުގައިވެއެވެ. އެ ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ %45 އަށް އިތުރުވެ، 381 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ހަކަތައިގެ އަގުތައް އުފުލި، ތެލާއި ގޭސް ފޯރުކޮށްދެމުން އަންނަ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހަކަތަ އުފައްދާ ކުންފުނިތަކަށް ފައިދާ ލިބެމުންއަންނައިރު، ކަރަންޓަށާއި ތެލަށާއި ގޭހަށް އާންމުން ކުރަންޖެހޭ ޚަރަދު ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ކަހަލަ ގޮތަކަށް ހަކަތައިގެ އަގުތައް އުފުލެން ފަށާފައި ވަނީ ކޯވިޑުގެ ފުރަބަންދު ނިމުމާއި ގުޅިގެންނެވެ، ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު، ސަޕްލައިތަކަށް ބުރޫއަރާނެ ކަމަށް ލަފާކުރެވި، ހަކަތައިގެ އަގުތައް އިންތިހާއަށް މައްޗަށް އުފުލުނެވެ.