ޚަބަރު

" ޕާސްޕޯޓުގެ އަގުވައްޓާލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން "


ދިވެހިޕާސްޕޯޓްގެ އަގުވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި މެދު ޤާނޫނީގޮތުން ފިޔަވަޅު އަޅުއްވާނެކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިހެން ވިދާޅުވީ، ދިވެހިޕާސްޕޯޓުގައި ވަކި މީހަކާއި ވައްތަރު ކުރެހުމެއް ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަޤީޤަތާއި ޚިލާފް ވާހަކަތައް ދޮގުކުރައްވާ ނެރުނު ބަޔާނުގައެވެ. ދިވެހިޕާސްޕޯޓުގެ އަގުވައްޓާލުމަށް މިފަދަ އަމަލުތައް ހިންގަމުންދަނީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދިވެހިޕާސްޕޯޓަށް ތައުރީފްކުރަމުންދާ ދިއުން ހުއްޓުވާލާ، ޕާސްޕޯޓުގެ ސަލާމަތީ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލާ، ދިވެހިން ދަތުރުކުރުމަށް ލިބިފައިވާ ލުއި ފަސޭޙަތައް ހަނިކުރުމަށްކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ސިޔާސީ ގޮތުން ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ރައްޔިތުންގެ މެދުގައި ޕާސްޕޯޓާއި މެދު ޝައްކު އުފެއްދުމަށް ކުރާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.