ވިޔަފާރި

އުރީދޫގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަނީ


އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުއެވެ.

2021 ވަނަ އަހަރުގެ ހިއްސާއިން މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 2.34 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ހިއްސާދާރުންނަށް ބަހަން ފާސްކޮށްފައިވާ އަދަދަކީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށެވެ.

އެގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނެ ތާރީޚު އަދި އެޖެންޑާ، 21 ފެބްރުއަރީ ގެ ކުރިން އާންމުކުރުން އޮންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ނިމިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، ބޯޑުން ކަނޑައަޅާ ހިއްސާގެ އަދަދު ހިއްސާދާރުންގެ ވޯޓުން ނިންމުމާއި، ކުރިއަށްއޮތް އަހަރަށް ކުންފުނީގެ ބޯޑު އަދި އޮޑިޓަރު ހޮވުން ފަދަ ކަންކަމެވެ.

އުރީދޫ މޯލްޑިވްސްއަށް 2021 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34 ރުފިޔާ ބަހާފައިވާއިރު، ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ވަނީ ހިއްސާދާރުންގެ މެދުގައި ބަހާފައެވެ.