ދުނިޔޭގެ ވިޔަފާރި

ޕޭޕަލްއިންވެސް 2000 މުވައްޒަފުން މަދުކުރަނީ


ހަރަދު ކުޑަކުރުމުގެ ގޮތުން އެމެރިކާގެ ފައިނޭންޝިއަލް ޓެކް ކުންފުނި ޕޭޕަލްއިން ގާތްގަނޑަކަށް 2000 ވަޒީފާ މަދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ އެ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ގާތްގަނޑަކަށް %7 އެވެ.

ޕޭޕަލް އިން ބުނާގޮތުގައި އެ ނިންމުން ނިންމަން މަޖުބޫރުވީ އިގްތިސާދީގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމުންނެވެ.

ޕޭޕަލް އިން މިގޮތަށް އިއުލާން ކޮށްފައިވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ޓެކްނޮލޮޖީގެ ކުންފުނިތަކުން 10000 މީހުން ވަޒީފާއިން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފާބެޓް، އެމެޒޯން އަދި މައިކްރޮސޮފްޓުންވެސް މިއަހަރު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން މަދުކޮށްފައެވެ.

އަހަރެމެންގެ ދުނިޔެއާއި ކަސްޓަމަރުން ބަދަލުވާ ވަރަކަށް ބަދަލުވަމުން ގެންދަން ޖެހޭ،" ޕޭޕަލްގެ ޗީފް އެގްޒެކެޓިވް ޑޭން ޝުލްމަން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓްގެ ބެލެނިވެރި ކުންފުނިންވެސް އަންގާރަ ދުވަހު ވަނީ މާޗް މަސް ނިމެންދެން 3 މަސް ދުވަހުގެ އާމްދަނީ 10% އާއި ހަމައަށް ދަށްވެދާނެ ކަމަށް އިންޒާރު ދީފައެވެ.

މިއަހަރު ފެށުނުއިރު އެމެޒޯނުން އިން ވަނީ ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާއި ހެދި 18،000 އަށް ވުރެ ގިނަ ވަޒީފާ މަދުކުރަން ރާވާފައިވާކަން އިއުލާންކޮށްފައެވެ. އަދި މި މަހު އަލްފާބެޓުން 12،000 ވަޒީފާ މަދުކުރާނެ ކަމަށް ބުނިއިރު، މައިކްރޮސޮފްޓުން ބުނީ 10،000 އާއި ހަމައަށް މުވައްޒަފުންގެ ވަޒީފާ މަދުކުރާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސްވިޑެންގެ މިއުޒިކް ސްޓްރީމިން ޖަޔަންޓް ސްޕޮޓިފައިންވެސް ވަނީ ގާތްގަނޑަކަށް 10،000 މުވައްޒަފުންގެ ތެރެއިން %6 މުވައްޒަފުން މަދުކުރާނެކަމަށް ބުނެފައެވެ.