ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި އަރަމުން އަންނަ ޒުވާން އަންހެން ޓެނިސް ކުޅުންތެރިޔާ ނަބާ ނިޝާންގެ އިތުރުން ޓޭބަލް ޓެނިހުގައި ތަފާތު ދައްކަމުން އަންނަ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޒީކް ހަސަން ލަތީފް އާއި ތާބިން ސުޖާއު ހިމަނައިފިއެވެ.
އަރުތަ ޕްރޮގްރާމުގައި ހިމެނުނު ނަބާ ވަނީ މި އަހަރު ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި މި ޕްރޮގްރާމުގައި ހިމެނުނު ޒީކް އާއި ތާބިން ވަނީ އެންމެ ފަހުން ގައުމީ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ.
އަރުތަ ޕްރޮގްރާމުގައި ޓީޓީގެ ދެ ކުޅުންތެރިއަކު ހިމެނިއިރު، މިދިޔަ މަހު ލިސްޓުގައި ހިމެނި ޓީޓީގެ ތިން ކުޅުންތެރިން ކަމަށްވާ އަޙްޔަރު، ޝައްފާން އަދި މިޝްކާ ތަމްރީން ހަދަމުން ގެންދާނީ ކްރޮއޭޝިއާގައެވެ. އަދި މީގެ ކުރިން ވަނީ މި ޕްރޮގްރާމުގައި ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމުވެސް ހިމަނާފައެވެ.
އަރުތަ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު އަރުތަ ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި ތިބެގެން އެ ކުޅިވަރަކަށް ޚާއްސަވެގެން ތަމްރީނުވުމަށްވެސް ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ކުޅިވަރުތަކުގެ މުސްތަގުބަލަށްޓަކައި އަރުތަ ޕްރޮގްރާމުގެ ދަށުން ދެން ރޭވިފައިވާ އެއް ކަމަކީ ގައުމީ ޓީމުތަކަށް ހާއްސަކުރެވިގެން ފުރަތަމަ ފަހަރަށް ޓްރެއިނިން އާއި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމެވެ. މި ސެންޓަރު މެދުވެރިކޮށް ވަކިވަކި ކުޅިވަރުތަކަށް ޚާއްސަކުރެވޭ ޕިޒިކަލް އާއި މެންޓަލް ޓްރެއިނިންތައް ދިނުމާއި އެތުލީޓުންނަށް ލިބޭ އަނިޔާތަކުގެ ރިކަވަރީގެ ކަންކަން ވީ އެންމެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.